ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގައި ތަޅު ނޭޅުވޭނެ ކަމަށާއި، ޑޮލަރުގެ އަގު ބޮޑުވުމުގެ ކަންބޮޑުވުމުގެ ވާހަކަ ދެއްކުމުގެ ފުރިހަމަ ޙައްޤު ރައްޔިތުންނަށް އޮންނާނެ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަންކަމުގައި އަޑުއުފުލާ ފަރާތްތަކުގެ ގައިގައި ކަސްތޮޅު އަޅުވައިގެން ކަންކަން ޙައްލުކުރަން އުޅުމުގެ ބަދަލުގައި، ސަރުކާރުން އިސްކުރަންޖެހޭނީ ދެފުށް ފެންނަ ސިޔާސަތުތަކެއް ކަމަށެވެ. އަދި އެފަދަ ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ރައްޔިތުންނަށް ޙަޤީޤީ ޙައްލުތައް ދައްކައިދޭން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މިހާރުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު މިހާރު އޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށެވެ. އިޤްތިޞާދީ ދަތިތަކާއި ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ކަންކަން މެނޭޖްކުރުމުގައި ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، ޤައުމުގެ އިޤްތިޞާދީ މިސްރާބު މިހާރުން މިހާރަށް ހަމަމަގަށް ނޭޅުވިއްޖެނަމަ، ޤައުމުގެ އިޤްތިޞާދަށް އިޢާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގެ އިންޒާރު ޝާހިދު ދެއްވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ޢާންމު ރައްޔިތުން ނިކަމެތިވެ ބިކަވެގެންދާނެ ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭހެން ޤައުމުގެ ވިޔަފާރިތައް އެއްކޮށް ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އިޤްތިޞާދީ ދަތިތަކާއި ގުޅިގެން ރައްޔިތުންނާއި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.






