ލަންކާއިން 1 ބިލިއަން ޑޮލަރު ބޭރުކުރި މައްސަލައެއްގައި 4 ބޭންކެއްގެ މެނޭޖަރުން ހައްޔަރު ކޮށްފި

ލަންކާއިން 1 ބިލިއަން ޑޮލަރު ބޭރުކުރި މައްސަލައެއްގައި 4 ބޭންކެއްގެ މެނޭޖަރުން ހައްޔަރު ކޮށްފި

ސްރީލަންކާއިން ގަވާއިދާ ޚިލާފަށް 1 ބިލިއަން އެމެރިކާ ޑޮލަރު ބޭރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އެގައުމުގެ އަމިއްލަ 4 ބޭންކެއްގެ މެނޭޖަރުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މިއީ ސްރީލަންކާގައި މިފަދަ މާލީ ބޮޑު މައްސަލައެއްގައި އެއްފަހަރާ މިހާ ގިނަ ބޭންކު މެނޭޖަރުން ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

މި ހަތަރު މެނޭޖަރުން ހައްޔަރު ކޮށްފައިވަނީ ސްރީލަންކާ ފުލުހުންގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފް.ސީ.އައި.ޑީ) އިންނެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ އެމީހުން ވަޒީފާ އަދާކުރާ ބޭންކުތަކުގައި ތިއްބައެވެ.

ތަހުގީގުން ދައްކާ ގޮތުގައި، މި މީހުން ފައިސާ ގައުމުން ބޭރު ކޮށްފައިވަނީ މުދާ އިމްޕޯޓު ކުރުމުގެ ނަމުގައި، އެއްވެސް ސައްހަ ލިޔެކިޔުމެއް ނެތިއެވެ. މިކަމަށްޓަކައި އެމީހުން ވަނީ ބޭންކުގެ އެކި ޗެނަލްތައް ބޭނުން ކޮށްފައެވެ. ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ޣައިރުގާނޫނީ އަމަލު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތުން ވަނީ މި މެނޭޖަރުންނަށް ކޮންމެ ހަފްތާއަކު 30,000 އިން ފެށިގެން 100,000 ސްރީލަންކާ ރުޕީސްއާ ދެމެދުގެ އަދަދަކަށް ގަވާއިދުން ރިޝްވަތުގެ ފައިސާ ދީފައެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިންވަނީ ބޭރު ފައިސާގެ މުއާމަލާތްކުރާ (ފޮރިން އެކްސްޗޭންޖް ޑީލަރެއް) މީހަކުވެސް ހައްޔަރުކޮށްފައެވެ. ސްރީލަންކާގައި މިފަހަކަށް އައިސް ޝައްކުކުރެވޭ ގޮތަށް ބޭންކުތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފަރ ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަ ދާދިފަހުން ވިދާޅުވެފައިވަނީ، މިފަދަ ޝައްކުކުރެވޭ މުއާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި ރޭވިގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅުންހުރި ކަންކަން ކަމަށް ވެދާނެ ކަމަށެވެ. އެހެންކަމުން، ސްރީލަންކާގެ ސަރުކާރުން މިހާރު ވަނީ ކަސްޓަމްސްގައި ރަޖިސްޓްރީ ނުކޮށް ތަކެތި އިމްޕޯޓުކުރާ ފަރާތްތަކަށް ޑޮލަރުން އެޑްވާންސްކޮށް ފައިސާ ދެއްކުން ހަރުކަށިކޮށް، މާލީ ގަވާއިދުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *