ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ސައުންޑް އެފެކްޓްސް ލައިގެން މީމަކަށް (ޖޯކަކަށް) ހަދައިގެން ބޭނުން ކުރުމަކީ ރާއްޖޭގައި ބަލައިގަނެވޭނެ އަދި ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެކަމުގައި ރާއްޖެ ޓީވީން ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ޖަނާބު، މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާތްވެގެންވާ ކީރިތި ޤުރުއާން ހޭލާ މީހުންގެ މަލާމާތަކަށް ހެދުމަކީ ދިވެހިރާއްޖޭގައި އެއްގޮތަކަށްވެސް ޖާގަދެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގުމުން ރާއްޖެ ޓީވީން ދިވެހި ރައްޔިތުންގެ ކިބައިން ފާޅުގައި މަޢާފަށް އެދެންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި މައްސަލައާ ގުޅިގެން މީޑިއާތައް ރެގިއުލޭޓްކުރާ ކަމާބެހޭ އިދާރާތަކުން ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް މެންބަރު ޖަނާބު ވިދާޅުވިއެވެ. އޭނާގެ ޕޯސްޓުގައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ކަމާގުޅުންހުރި އިދާރާތައް ޓެގްކުރައްވައި މިކަމަށް އަވަސް ފިޔަވަޅެއް އެޅުމަށް ގޮވާލައްވާފައެވެ.
އިސްލާމީ ސައްތައިން ސައްތަ ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގައި، ދީނުގެ މާތް ޝިޢާރުތަކަށާއި ކީރިތި ޤުރުއާނުގެ ހުރުމަތް ކެނޑޭ ފަދަ ކަންކަން މީޑިއާތަކުން ކުރުމަކީ ދިވެހި ރައްޔިތުންގެ މެދުގައި އަބަދުވެސް ބޮޑު ނުރުހުމެއް އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.





