1990 ގެ އަހަރުތަކުގެ ކުރީކޮޅު، ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މަސްތުވާތަކެއްޗާއި ރަލުގެ އިސްތިއުމާލުކުރުން އެންމެ އާންމުވެފައިވާ އެއް ގައުމަކީ އައިސްލޭންޑެވެ. ނަމަވެސް، ފާއިތުވި 25 އަހަރުގެ ތެރޭގައި އެ ގައުމުން ވަނީ ގައުމީ ފެންވަރުގައި އެކުލަވާލި ހާއްސަ އިސްތިރާތީޖީއެއްގެ ސަބަބުން، ޒުވާނުންގެ މެދުގައި މަސްތުވާތަކެތި ބޭނުން ކުރުން އިންތިހާއަށް ދަށްކޮށްފައެވެ.
މިއަދު "އައިސްލޭންޑިކް ޕްރިވެންޝަން މޮޑެލް" ނުވަތަ "ޕްލެނެޓް ޔޫތު" ގެ ނަމުން މަޝްހޫރުވެފައިވާ މި އިސްތިރާތީޖީއަކީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ކާމިޔާބު މޮޑެލެކެވެ.
އައިސްލޭންޑުން ކުރި އެންމެ މުހިންމު ކަމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި، ކުދިން މަސްތުވާތަކެއްޗަށް ހުށަހެޅޭ އަސްލު ސަބަބުތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުމަށް އިސްކަންދިނުމެވެ.
މި މޮޑެލް އެކުލަވާލާފައިވަނީ ސައިންސްވެރިންނާއި، ސައިކޮލޮޖިސްޓުން، ބެލެނިވެރިން އަދި ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ.
1. ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތަކަށް އިސްކަންދިނުން:
* ކޮންމެ ކުއްޖަކަށް ކުޅިވަރާއި، މިއުޒިކް ނުވަތަ އާޓްސް ފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ސަރުކާރުން ހާއްސަ "ކާޑެއް" ނުވެފަ ވައުޗަރެއް ދޫކުރިއެވެ.
* ހުސްވަގުތުތަކުގައި ކުދިން މަގުމަތީގައި ގުރޫޕްހަދައިގެން ތިބުމުގެ ބަދަލުގައި، އުފެއްދުންތެރި ކަންކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިކޮށްދިނެވެ.
2. ބެލެނިވެރިންގެ ދައުރު ވަރުގަދަ ކުރުން:
* ބެލެނިވެރިންނާއި ދަރިންނާއެކު ހޭދަކުރާ ވަގުތު އިތުރުކުރުމަށް ހޭލުންތެރިކުރުވިއެވެ.
* "ޕޭރެންޓްސް އެގްރީމެންޓް" ތަކެއް މެދުވެރިކޮށް، ރޭގަނޑު ކުދިން ބޭރުގައި ތިބޭނެ ގަޑިތަކާއި، ކުދިންގެ ރައްޓެހިން ދެނެގަތުމަށް ބެލެނިވެރިން އެއްބަސްވިއެވެ.
3. ގާނޫނީ ބަދަލުތަކާއި ކާފިއު:
* އުމުރުން 13 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން ބޭރުގައި ތިބުން ގާނޫނީގޮތުން މަނާކުރިއެވެ.
* ރަލާއި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން މަނާކޮށް، އެފަދަ ތަކެތި ވިއްކާ އުމުރު މަތިކުރިއެވެ.
4. މައުލޫމާތު އެއްކުރުން :
* ކޮންމެ އަހަރަކު ސުކޫލުތަކުގެ ދަރިވަރުންގެ މެދުގައި ސިއްރު ސަރވޭތައް ހިންގައި، ކުދިންގެ ނަފްސާނީ ހާލަތާއި، އިޖުތިމާއީ މާހައުލަށް އަންނަ ބަދަލުތައް މޮނިޓަރުކުރެއެވެ.
އައިސްލޭންޑުގެ މި ކާމިޔާބީއަކީ ހަމައެކަނި ފުލުހުން ބޭނުންކޮށްގެން ނުވަތަ ޖަލަށްލައިގެން ހޯދި ކާމިޔާބީއެއް ނޫނެވެ. އެއީ މުޅި މުޖުތަމައު އެކީގައި ގުޅިގެން، ކުޑަކުދިންނަށް ރައްކާތެރި އަދި އުފާވެރި މާހައުލެއް ގާއިމުކޮށްދީގެން ހޯދި ނަތީޖާއެކެވެ. މިއަދު ދުނިޔޭގެ 30 އަށްވުރެ ގިނަ ގައުމުގައި މި މޮޑެލް އަންނަނީ ބޭނުންކުރަމުންނެވެ.






