މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕް ފުޓުބޯޅަ މުބާރާތުގައި މުޒްދާން ހަސަން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައި، އޮޑި ސްޕޯޓްސް ކްލަބުން މޮޅަކާއެކު މުބާރާތް ނިންމާލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނިޓުގައި އޮޑިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޒްދާންއެވެ. މެޗުގެ ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރުމަށް ބުރު ސްޕޯޓްސް ކްލަބުން ގިނަ މަސައްކަތްތަކެއް ކޮށް، އޮޑީގެ ހާފަށް ބާރުބޮޑުކުރިއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުގެ މުހައްމަދު ނައިޝަމް ނަދީމް އަދި އަބްދުﷲ ޔާމީން (ޔާނު) އަށް ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނިޓުގައި އޮޑިން ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ މުޒްދާންއެވެ. އޭގެ ފަހުން ލަނޑުގެ ފަރަގު ކުޑަކުރުމަށް ބުރުގެ ޔާމީން އަދި ބިދޭސީ ކުޅުންތެރިޔާ ހުއާން އެޑުއާޑޯއަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު މިދިޔަ ސީޒަނުގެ ގަދަ ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ލީގު ބުރުގެ ތިންވަނަ އޮޑި ސްޕޯޓްސް ކްލަބަށް ލިބުނީ ތިން ޕޮއިންޓާއެކުގައެވެ. އަދި ބުރު ސްޕޯޓްސް ކްލަބް މުބާރާތުން ވަކިވާން ޖެހުނީ އެއްވެސް މޮޅެއް އަދި ޕޮއިންޓެއް ނުލިބިއެވެ.
މި މުބާރާތުގެ ފައިނަލުން މާޒިޔާ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޖާގަ ހޯދާފައިވަނީ އޮޑި އަދި ބުރު ބަލިކުރުމަށްފަހުއެވެ. މުބާރާތުގެ ލީގު ބުރުގައި އާދީއްތަ ދުވަހުގެރޭ މާޒިޔާއާ ނިއުރޭޑިއަންޓް ބައްދަލުކުރާއިރު، އަންނަ ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗުގައި ވެސް ވާދަކުރާނީ މި ދެ ޓީމެވެ.






