އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށްޓަކައި ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، އަބްދުﷲ ޝާހިދު އެ ޕާޓީގެ ރައީސްކަމުގެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ގައުމު މިހާރު އޮތް އިގުތިސާދީ އަދި އިޖުތިމާއީ ހާލަތުން އަރައިގަނެވޭނީ އެމްޑީޕީއަށް ކަމަށެވެ. އަދި އޭނާ ޕްރައިމަރީއަށް ނުކުންނަވަން ނިންމެވީ 2028 ގެ އިންތިހާބު ކާމިޔާބުކޮށް، ރައްޔިތުންނަށް އިންސާފުވެރި އަދި ހަމަހަމަ ވެރިކަމެއް ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސްގެ މަގާމުގައި ހުރެގެން އެތެރޭގެ އިންތިހާބެއްގައި ވާދަކުރުމަކީ އެމްޑީޕީގެ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފު ކަމެކެވެ. އެހެންކަމުން، ޕާޓީގެ ތެރޭގައި ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދިނުމަށްޓަކައި، ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމާއެކު މަގާމުން ދުރަށް ޖެހިވަޑައިގަތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕާޓީގެ ރައީސްކަމުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގައި މަސައްކަތްކޮށްފައި ވާނީ މިދެންނެވި އުސޫލުން. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރުމާ އެކު، މިއަދުން ފެށިގެން ޕާޓީގެ ރައީސްކަމުން އަޅުގަނޑު އިސްތިއުފާދީފިން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އޭނާއަކީ ޕާޓީގެ ހުރިހާ ފިކުރެއްގެ މެންބަރުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ، އަދި ނަތީޖާ ދެއްކޭނެ ބޭފުޅެއް ކަމަށެވެ. އޭނާގެ އަމާޒަކީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުރެ، ގައުމުގެ މަސްލަހަތު އިސްކޮށް، ސާދާ ވެރިކަމެއް ދިވެހިންނަށް ހޯދައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ބޭފުޅެކެވެ. ރައީސް މައުމޫނާއި ރައީސް ސޯލިހުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ފުރުއްވާފައެވެ. ސިޔާސީ މަސައްކަތް ޑީއާރުޕީން ފެއްޓެވި ނަމަވެސް، ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން އޭނާ ވަނީ ޕާޓީގެ އިސް މަގާމުތަކުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.






