އުފަންވީއިރުވެސް ލޮލަށް ނުފެނުމާއި އަޑުނީވުމުގެ ނުކުޅެދުންތެރިކަން ހުރި އުމުރުން 32 އަހަރުގެ އެލެކްސެންޑްރާ އެޑަމްސް، އިނގިރޭސިވިލާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 'ޑެފްބްލައިންޑް' ޑޮކްޓަރުގެ މަގާމު ހޯދައި ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.
އެޑަމްސްއަކީ އޭނާގެ ނުކުޅެދުންތެރިކަމަކީ ކުރިއަށްދިއުމަށް އޮތް ހުރަހެއްގެ ގޮތުގައި ދުވަހަކުވެސް ދެކުނު ކުއްޖެއް ނޫނެވެ. ނަމަވެސް މެޑިކަލް ސުކޫލަށް ވަނުމަށް ނިންމި ހިސާބުން، އެކި ފަރާތްތަކުގެ ތަފާތުކުރުންތަކާއި ޝައްކުތަކާ އޭނާއަށް ކުރިމަތިލާން ޖެހުނެވެ.
އެޑަމްސް ސިއްހީ ދާއިރާއިން ކުރިއަށްދާން ނިންމީ ފުރާވަރުގެ އުމުރުގައި، ސާޖަރީއަކަށްފަހު ދިމާވި ނުރައްކާތެރި މައްސަލަތަކާ ހުރެ 17 މަސް ދުވަސް ހޮސްޕިޓަލުގައި ހޭދަކުރަންޖެހުނު ދުވަސްވަރުއެވެ. އެ ދުވަސްވަރު ޑޮކްޓަރަކު އޭނާގެ ކައިރީގައި "ކަމެއް ގޯސްކޮށް އުޅޭތަ؟" އޭ އަހާލި އޯގާތެރި ސުވާލަކީ އޭނާގެ ވިސްނުން މުޅިން ބަދަލުކޮށްލި ކަމެކެވެ. އެ ޑޮކްޓަރު އަމިއްލަ ތަޖުރިބާ ހިއްސާކޮށް ދެއްކި ހަމްދަރުދީގެ ސަބަބުން، އެހެން މީހުންނަށް އެފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ރޫހު އެޑަމްސްގެ ހިތުގައި އުފެދުނެވެ.
ޑޮކްޓަރަކަށްވުމަށް ކުރި ދަތުރަކީ 10 އަހަރަށްވުރެ ދިގު، ގޮންޖެހުންތަކުން ފުރިގެންވި ދަތުރެކެވެ. މި ދަތުރުގައި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހުމުގެ އިތުރުން، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހުމާއި، ކިޔެވުމާ ދުރުގައި ދެއަހަރާއިބައި ހޭދަކުރަންޖެހުނެވެ. މީގެއިތުރުން އޭނާއަކީ 'މާސްޓް ސެލް އެކްޓިވޭޝަން ސިންޑްރޯމް' ހުންނަ އަދި ނޭވާލުމަށް އޮކްސިޖަން އެހީ ބޭނުންވާ މީހެކެވެ. ނަމަވެސް، މި އެއްވެސް ކަމަކުން އޭނާގެ އުއްމީދު ކަނޑައެއްނުލައެވެ.
މިއަދު އެޑަމްސް ބަލިމީހުންނަށް ފަރުވާދެނީ ޚާއްޞަކޮށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީގެ އެހީގައެވެ
މިގޮތުން އޭނާގެ އަޑުއަހާ އެއިޑްސްއާ ގުޅާލެވިފައިވާ ބްލޫޓޫތް ސްޓެތޮސްކޯޕް އެއް ބޭނުންކުރެއެވެ. ވައިބްރޭޓްވާ ޕޭޖަރުތަކާއި، ރޭޑިއޯ އެއިޑްސް އަދި ޚާއްޞަ އެލާޓް ސިސްޓަމްތައް ބޭނުންކުރެއެވެ.
އިންޖެކްޝަން ޖެހުމާއި އައިވީ ކަނެކްޓްކުރުން ފަދަ ކަންކަމުގައި އޭނާ ބޭނުންކުރަނީ އޭނާގެ އަތްތިލައި އިޙްސާސްކުރުމުގެ ހިއްސެވެ.
"އަހަރެންގެ ނުކުޅެދުންތެރިކަމަކީ ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހެއް ނޫން. އެންމެ ބޮޑު ހުރަހަކީ އެހެން މީހުން އަހަރެމެންނާމެދު ދެކޭގޮތް." އެލެކްސެންޑްރާ އެޑަމްސް ބުންޏެވެ.
އެޑަމްސް މިހާރު ތައްޔާރުވަމުން ދަނީ އުމުރުން ދުވަސްވީ މީހުންގެ ފަރުވާ (ޖެރިއަޓްރިކްސް) ނުވަތަ ޕެލިއޭޓިވް ކެއާގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އޭނާގެ މި ކާމިޔާބީއަކީ ހިތްވަރާއި އޯގާތެރިކަމާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ ހުރަހެއްވެސް ގިރާ ކުރެވިދާނެ ކަމުގެ ހެކިއެކެވެ.






