ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމް.ޑީ.ޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ޤައުމީ ލޯބި އާލާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ.
މިއަދު ފާހަގަ ކުރަމުންދާ 1446 ވަނަ އަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމެއްގެ އަމިއްލަވަންތަ ބާރުވެރިކަން އިތުރުވެ، މިނިވަން ފުދުންތެރި ޖީލެއްގެ ގޮތުގައި ފައިތިލަ ސާބިތުވާނީ ޤައުމީ ލޯބި އާލާކޮށްގެން ކަމަށެވެ. އަދި އޯގާތެރި، ސުލްޙަ މަސަލަސް ރައްޔިތަކު ދިރިއުޅޭ މުޖުތަމަޢަކީ ޤައުމެއްގެ ކުރިއެރުމުގެ އަސްލު ކަމުގައި ފާހަގަކުރެއްވިއެވެ.
ޝާހިދުގެ މެސެޖުގައި ބަޔާން ކުރައްވާފައިވަނީ، ޤައުމީ ދުވަހުގެ މި ބަރަކާތްތެރި މުނާސަބަތަކީ އެކަކު އަނެކަކަށް އޯގާތެރިވުމާއި، އެއްބައިވަންތަކަން އިސްކުރުމުގެ ރޫޙު އާލާކުރަންވީ ވަގުތު ކަމަށެވެ. އަދި މިފަދަ ސުލްޙަވެރި މުޖުތަމަޢެއް ބިނާކުރުމަކީ ޤައުމުގެ މިނިވަންކަމާއި ބާރުވެރިކަން ދެމެހެއްޓުމަށް އޮތް އެންމެ ވަރުގަދަ ބިންގާ ކަމަށްވެސް ވިދާޅުވިއެވެ.
ޤައުމީ ދުވަހަކީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރާ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ދައުލަތުގެ އިސްވެރިންވެސް ވަނީ ޤައުމީ ރޫޙު އާލާކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.






