ފިތުނަފަސާދަ އުފައްދައި ގައުމާއި ރައްޔިތުންނަށް ނިކަމެތިކަން ގެންނަ ބަޔަކަށް ނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ގައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ. އަދި 'ކަނޑުގެބާޒު’ގެ ނަމުން އޭރު މަޝްހޫރުވި ކަނޑުގެ ބާޒުންގެ (ފުރެތިކާލުންގެ) އިސްތިއުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަތަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބީގެ ހަނދާންތައް ވެސް މިއަދު އާވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކު ވެސް ފެންނަން އޮތް ހަގީގަތަކީ، މި ގައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބައެއްގެ ހިޔާނާތް އެކަމުގެ ސަބަބަކަށް ވީކަން ކަމަށެވެ. އަދި މިއަދު ގަދައަޅައި އަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޔާދަވިޔަ ނުދިނުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"މި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިއާރު ނަގަހައްޓައި، މި ގައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައި ވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫހު ހިފެހެއްޓުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ހއ. އުތީމުގައެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ.






