ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލެ ސަރަހައްދުގެ މިސްކިތްތަކަށް ވަނުމުގައި ހުރަސްތަކެއް ކުރިމަތިވަމުންދާ މައްސަލަ، ވީޑިއޯ ހެއްކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ރައީސާ ހިއްސާކުރީ، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް އެ މަނިކުފާނު ބާއްވަވާ ބައްދަލުވުމެއްގައި ބައިވެރިވި ފާއިޒް ނަމަކަށް ކިޔާ މީހެކެވެ. ފާއިޒް ކިޔައިދިން ގޮތުގައި މާލޭގެ ސޮލާހުއްދީން މިސްކިތަށް ނަމާދަށް ވަންނަން އުޅުމުން، މިސްކިތް ހަޑިވެދާނެ ކަމަށް ބުނެ އެތަނުގެ މުވައްޒަފުން ވަނީ އޭނާއަށް ހުރަސް އަޅައި، އިހާނެތިކޮށް ދޮރު ބަންދުކޮށްފައެވެ.
"އަޅުގަނޑު ބުނިން ދޮރު ކައިރީ އަރިމަތީގައި ވެސް ބޭންދޭނެނުންތޯއޭ، ތިޔަބޭފުޅުންނަށް ފަހުން ސާފު ވެސް ކޮށްލެވޭނެނުންތޯއޭ. ބުނީމާ ވެސް، ބުނީ ނުވެއްދޭނެއޭ، ވީލްޗެއާ މީހުންނަކަށް މިއިން ޒަމާނަކު ވެސް މި މިސްކިތަކަށް ނުވެެއްދޭނެޔޯ،" ފާއިޒް ރައީސަށް ދެންނެވި އެވެ.
ފާއިޒް އިތުރަށް ފާހަގަކުރި ގޮތުގައި، ހުޅުމާލޭގެ މިސްކިތަކުން ވެސް އޭނާއާ މެދު އަމަލުކޮށްފައިވަނީ ހަމަ މިފަދަ ގޮތަކަށެވެ. މިކަމުގެ ސަބަބުން މިސްކިތަށް ދިޔުން ހުއްޓާލައި، މިހާރު ނަމާދު ކުރަނީ ގޭގައި ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން މާލޭގައި ބަހަށް އެރުމުގައި ހުރި ދަތިތަކާއި، އެންސްޕާ މެދުވެރިކޮށް ލިބޭ ވީލްޗެއާގެ ފެންވަރު ދަށްވުމުގެ ޝަކުވާ ވެސް އޭނާ ވަނީ ރައީސަށް ހުށަހަޅާފައެވެ.
ފާއިޒްގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެ މައްސަލަތައް ހައްލުކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. "ތިޔަ ވިދާޅުވި ކަންތަކުގައި ވެސް މަަސައްކަތް ކޮށްދޭނަން އިނގޭތޯ ރަނގަޅު ގޮތެއް ވޭތޯ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.






