ދިވެހިރާއްޖޭގައި ޑޮލަރު ނެތީ ނޫން ކަމަށާއި، ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވަނީ ކޮންމެވެސް ބަޔަކު ގަނޑެއް ގަންނާތީ ކަމަށް ޤަބޫލުކުރެވޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
މެންބަރު ސަޢުދުﷲ މިހެން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާފައިވާ އިޞްލާޙަށް ބަހުސްކުރައްވަމުންނެވެ.
މެންބަރު ސަޢުދުﷲ ވިދާޅުވީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދާ ދިއުމާމެދު ރައްޔިތުންގެ ސުވާލުތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެނގިވަޑައިގެންފައިވާ ގޮތުން ކަޅުބާޒާރުގައި ބޭނުން ވަރަކަށް ޑޮލަރު ލިބެން ހުރި ނަމަވެސް، ޑޮލަރު ލިބެނީ އަގު ބޮޑުކޮށް ކަމަށް ސަޢުދުﷲ ވިދާޅުވިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ރިސޯޓުތަކުން ކަނޑައެޅިގެން ބްލެކް މާކެޓުގައި ޑޮލަރު ވިއްކަން މަސައްކަތްކުރާ ކަމަށާއި، ރިސޯޓުތަކުން ލިބޭ ޑޮލަރު ކަޅުބާޒާރުގައި ވިއްކައިގެން ބޮޑު ފައިދާއެއް ނަގަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ނުވަދެ ދިއުމަކީވެސް ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޑޮލަރުގެ އަގަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުވާލައްވަމުން ސަޢުދުﷲ ވިދާޅުވީ، މިއަދު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 22.30 ރުފިޔާއަށް ކަމަށެވެ. މިއީ ހަފްތާއެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ދެތިން ރުފިޔާގެ ބޮޑުވުމެއް ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ޤައުމަށާއި ރައްޔިތުންނަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މިކަން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަޢުދުﷲ އިތުރަށް ވިދާޅުވީ، ކައިރި ޤައުމެއް ކަމަށްވާ ސްރީލަންކާގައިވެސް ކަޅުބާޒާރުގައި އަގުތައް ބޮޑުވެގެން ދިޔުމުން ސަރުކާރުން ފިޔަވަޅުތަކެއް އަޅައި، ބައެއް މަނީ އެކްސްޗޭންޖްތައް ބަންދުކުރި ކަމަށެވެ. އަދި ރާއްޖޭގައިވެސް މިފަދަ ބަދަލުތަކެއް ގެނެސްގެން ނޫނީ ހާލަތު ރަނގަޅުކުރެވޭނެ ކަމަށް ޤަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، މެންބަރު ވަނީ ހުށަހެޅިފައިވާ އިޞްލާޙަށް ފުރިހަމައަށް ތާއީދުކުރައްވާފައެވެ.






