ހަލާލު ޓޫރިސްޓު ރިސޯޓު ހަދަން ރަށްތައް ދޫކުރަނީ، ބަނގުރަލާއި އޫރު މަސް ވިއްކުން މަނާވާނެ، ދެ ޖިންސުގެ މީހުންގެ އެއް ނުވެވޭނެ

ހަލާލު ޓޫރިސްޓު ރިސޯޓު ހަދަން ރަށްތައް ދޫކުރަނީ، ބަނގުރަލާއި އޫރު މަސް ވިއްކުން މަނާވާނެ، ދެ ޖިންސުގެ މީހުންގެ އެއް ނުވެވޭނެ

ހަލާލް ޓޫރިޒަމް ހިމެނޭހެން 15 ރަށަކާއި ފަޅެއްގައި ރިސޯޓުތައް ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަކިވަކިން ކުރި އިއުލާނެއްގެ ދަށުން ހުޅުވާލި މި ފުރުސަތަކީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ އެންމެ ގިނަ ބިންތަކެއް ފަތުރުވެރިކަމަށް ދޫކުރި އެއް ފަހަރެވެ.

މި ބީލަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރެވިފައިވާ ތިން ސަރަހައްދެވެ. އެއީ ހދ. މަަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން، ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި މަަކުނުދޫގައި މަދުވެގެން 150 އެނދު ބިނާކުރަންޖެހޭއިރު، ފޮނަގާދޫ އަދި ދޮންހެރައިގައި މަދުވެގެން 100 އެނދު ބިނާކުރަންޖެހެއެވެ.

މި ރަށްތަކުގައި ރިސޯޓު ހިންގަންވާނީ 50 އަހަރުގެ މުއްދަތަށް، އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށެވެ. މީގެ ތެރޭގައި އޫރުމަހާއި ރާ ވިއްކުން މަނާކުރުމާއި، ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދިނުން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ވަކިން ދެ މިސްކިތް ބިނާކުރަން ޖެހެއެވެ.

އެންމެ ގިނަ އަދަދަކަށް ދޫކުރަން ނިންމާފައިވަނީ އުތުރުގެ އަތޮޅުތަކުން 10 ފަޅެވެ.

މީގެ ތެރޭގައި ހއ. މާދުނި ފަރުން 3 ފަޅު، ހދ. މަަކުނުދޫ ފަރާއި މާފަރުން 4 ފަޅު، އަދި ށ. ގޮނާ ފަރުން 3 ފަޅު ހިމެނެއެވެ. މިއިން ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެއް ކަމަށާއި، މަދުވެގެން 150 އެނދު ތަރައްގީކުރަން ޖެހޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޮސްޓް އުޅެނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގައެވެ.

ވަކިވަކި ރަށްތަކުގެ ގޮތުގައި ށ. ނަލަންދޫ އާއި ނ. ފަރުމުލިވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. 63.99 ހެކްޓަރުގެ ށ. ނަލަންދޫއަށް ބިޑު ކުރާ ފަރާތްތަކުގެ މާލީ ގާބިލުކަން 10 މިލިޔަން ޑޮލަރަށް ހުންނަން ޖެހޭއިރު، ނ. ފަރުމުލީގެ ލީސް އެކިއުޒިޝަން ކޮސްޓަކީ 2.25 މިލިޔަން ޑޮލަރެވެ.

މިއީ މި ބުރުގައި އެންމެ އަގުބޮޑުކޮށް ހުޅުވާލި ސަރަހައްދެވެ. އަދި ނަލަންދޫގައި މަދުވެގެން 200 އެނދު ތަރައްގީކުރަންޖެހޭއިރު، ފަރުމުލީގައި މަދުވެގެން 150 އެނދު ތަރައްޤީކުރަންޖެހެއެވެ.

މި 15 ރަށް ނުވަތަ ފަޅުގައިވެސް ބިން ހިއްކައިގެން ރިސޯޓު ތަރައްގީކުރެވޭއިރު، މި ރަށްތަކުގައި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރަން 36 މަސްދުވަހުގެ މުއްދަތެއް ދޭނެއެވެ. އަދި ފަތުރުވެރިކަމުގެ ބޭނުންތަކަށް މި ރަށްތައް 50 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި މަޝްރޫއުތަކަށް ބީލަން ހުށަހަޅާ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއްވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން %15 އިނާޔަތް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް %20 ގެ އިނާޔަތް ލިބޭނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ ނޮވެމްބަރު 17 އިން 23 އާ ދެމެދުގެ ތާރީޚުތަކެވެ. ޝައުގުވެރިވާ ފަރާތްތަކަށް ޕްރީ-ބިޑް މީޓިންތައް ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *