ސްރީލަންކާގައި އޮންލައިން ޖުވާ ކުޅޭ 146 ސައިޓެއް ބްލޮކް ކުރަން ނިންމައިފި

ސްރީލަންކާގައި އޮންލައިން ޖުވާ ކުޅޭ 146 ސައިޓެއް ބްލޮކް ކުރަން ނިންމައިފި

ސްރީލަންކާގައި ޤާނޫނީ ހުއްދަނެތި ހިންގަމުންދިޔަ އޮންލައިން ޖުވާ ކުޅޭ 146 ވެބްސައިޓަކަށް ނުވަދެވޭގޮތަށް ބްލޮކްކުރުމަށް އެޤައުމުގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން (ޓީއާރުސީއެސްއެލް) އިން އެންމެހައި ޓެލެކޮމް ޚިދުމަތްދޭ ކުންފުނިތަކަށް އަންގައިފިއެވެ.

ޓީއާރުސީއެސްއެލްގެ ޑިރެކްޓަރ ޖެނެރަލް ބަންޑުލާ ހޭރަތު ވިދާޅުވީ، މި އެންގުން އެންގީ ޤަވާޢިދާ ޚިލާފަށް ހިންގާ އޮންލައިން ޖުވާގެ ޙަރަކާތްތައް ހުއްޓުވުމަށާއި، ސްރީލަންކާގައި އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކަށް އެ ސައިޓްތަކަށް ނުވަދެވޭނެ ގޮތް ހެދުމުގެ ގޮތުން ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ ސްރީލަންކާގެ މިނިސްޓްރީ އޮފް ފައިނޭންސް، ޕްލޭނިންގ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ "ގެމްބްލިންގ ރެގިއުލޭޓަރީ އޮތޯރިޓީ" އިން ދިން ނޯޓިސްއަކާ ގުޅިގެން، 2025 ވަނަ އަހަރު ފާސްކުރެވުނު "ގެމްބްލިންގ ރެގިއުލޭޓަރީ އޮތޯރިޓީ އެކްޓް (ނަންބަރު 17/2025)" ގެ ދަށުން އެ އޮތޯރިޓީއަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

ގެމްބްލިންގ ރެގިއުލޭޓަރީ އޮތޯރިޓީން ފާހަގަކޮށްފައިވާ ގޮތުގައި، ސައްޙަ ހުއްދައެއް ނެތި ސްރީލަންކާގައި އޮންލައިން ޖުވާގެ ޚިދުމަތްތައް ދިނުމާއި، އެފަދަ ޚިދުމަތްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ އެ ޤާނޫނުގެ 15، 16 އަދި 18 ވަނަ މާއްދާގެ ދަށުން ކުށެކެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އަދަބު ދެވޭނެއެވެ.

ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މިއީ އޮންލައިން ޖުވާގެ ކަންކަން ބެލެހެއްޓުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުން ވަރުގަދަކޮށް، ހުއްދަނެތި ޚިދުމަތްދޭ ފަރާތްތަކުން އެ ޤައުމުގެ އެތެރޭގައި އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުން ހުއްޓުވުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *