މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "މަޑުމައިތިރިކަން އިސްކުރުން" މި މައުޟޫޢުގެ މައްޗަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ، މީސްތަކުންނާ މުޢާމަލާތުކުރުމުގައި މަޑުމައިތިރިވުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލައްވާފައެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ އިސްލާމްދީނުގެ ވަރަށް މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު އަަހަރެމެންގެ މުޖުތަމަޢުގައި މަދެވެ. އަހަރެމެންގެ ތެރޭގައި ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމާއެކު، ސުންނަތް ނަމާދާއި، ރޯދައާއި، ޞަދަޤާތްކުރުން ފަދަ ހެއު ޢަމަލުތައް ކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް، އެފަދަ ހެއުލަފާ މީހުންގެ ތެރޭގައި ވެސް، އެހެން މީހުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަމީ ހިތާމަހުރި ކަމެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މަޑުމައިތިރިކަމާއެކު މުޢާމަލާތުކުރުމުގެ މުހިންމުކަން ބަޔާންކޮށްދެއްވަމުން ޚުޠުބާގައި ފިރުޢައުނުގެ މިސާލު ދެއްވިއެވެ. "ފިރުޢައުނަކީ ބޮޑު ކާފިރެއް. ކަލާނގެކަމަށް ދަޢުވާކުރި ނުލަފާ އަނިޔާވެރިއެއް. ނަމަވެސް އޭނާއާ މުޚާޠާބުކުރެއްވުމަށް (މޫސާގެފާނާއި ހާރޫނުގެފާނަށް) އަންގަވައިފައިވަނީ ވެސް މަޑުމައިތިރިކަމާއެކުގައި،" ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން، އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ގެ ސީރަތުން ނަމޫނާ ލިބިގަތުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ. އެކަލޭގެފާނުގެ އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތު ކުރެއްވުމުގައި ވެސް ގެންގުޅުއްވީ އިންތިހާ ދަރަޖައިގެ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ. އެހެންކަމުން، މުސްލިމުން ނަމޫނާއަކަށް ނަގަންވީ އެކަލޭގެފާނުގެ މާތް އަޚުލާޤުފުޅު ކަމުގައި ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށްޓަކައި ބަދަލުހިފާ މީހެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ހަގީގީ ދީންވެރި މުސްލިމަކީ މީސްތަކުންނަށް މަޢާފުކުރުން އިސްކުރާ، މަޑުމައިތިރި މީހާ ކަމުގައި ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.





