ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގައުމުގެ ތަރައްގީގެ އެންމެ ބުރަ މަސައްކަތް ކުރެއްވީ އެއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީއާއެކު އުކުޅަހުގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ބާލައި ޕީއެންސީގެ ދިދަ ނަގާފައިވާ ކަމަށެވެ. އަދި މިރޭ އެރަށުގައި ޖަލްސާ ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެ ކާމިޔާބީ ފާހަގަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، 2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ މާލިއްޔަތުގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށެވެ. އެއީ ހަމައެކަނި ރައީސް ޔާމީންގެ މަސައްކަތްޕުޅެއް ނޫން ކަމަށާއި، އެއީ މިހާރު ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ ރައީސް ޔާމީން އެކަނި ކުރި މަސައްކަތަކުން ނޫން. އަޅުގަނޑުމެން މިއޮތީ ސީނިއާ ޓީމް. އަޅުގަނޑުމެން އެ މަސައްކަތްކުރީ. ރައީސް ޔާމީން އިންނެވީ ގިނަ ރޭރޭ ތާސްކުޅުއްވުމުގައި ތަންކޮޅެއް ބިޒީކޮށް." ޔާމީންގެ ދައުރުގައި ކަން ހިނގި ގޮތް ސިފަކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އޭރުވެސް މުޅި ސިސްޓަމް ހިންގީ ހައުސިން މިނިސްޓްރީގެ ތެރެއިން ކަމަށާއި، ރައީސް މުއިއްޒަކީ އޭރުވެސް 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.
މާލޭގެ މޭޔަރުކަން ރައީސް މުއިއްޒަށް ކާމިޔާބު ކުރެއްވުނީވެސް، ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބުރަ މަސައްކަތްތައް ކުރެއްވީ އެމަނިކުފާނުކަން ރައްޔިތުން ގަބޫލުކުރާތީ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވަނީ ރައީސް މުއިއްޒު ގައުމުގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވައިފައެވެ.
"ރައީސް މުއިއްޒު މޭޔަރުކަމަށް ކުރިމަތިލެއްވީމާ ސައްތައިން ސައްތަ 11 އަހަރުގެ އެމްޑީޕީ މެޖޯރިޓީ ކައުންސިލެއް ރައީސް މުއިއްޒަށް ފަސޭހަކަމާއެކީ ދެވުނީ އެއީ މާލޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ރައީސް މުއިއްޒުކަން ރައީސް ޔާމީންގެ އެންމެ ބުރަ މަސައްކަތްތައް އެވެރިކަމުގެ ތެރޭގައި ކުރައްވީ." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ދައުލަތުގެ މާލީ ހިސާބުތައް އާންމު ނުކުރާތާ ހައެއްކަ މަސް ދުވަސްވެފައިވާ ކަމަށާއި، އެމްޑީޕީ ސަރުކާރުން ގައުމުގެ އިގްތިސާދު އޮތީ "ކާލާފައި" ކަމަށެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާއަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، އިންތިގާލީ މަރުހަލާގެ ތެރޭގައި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ މާލީ ހިސާބުތައް ރައީސް ޑރ. މުއިއްޒަށް ދައްކާފައިނުވާ ކަމަށެވެ.
"ރައީސް މުއިއްޒު ވެރިކަމާ ވަޑައިގެންނެވިއިރު، ދިވެހިރާއްޖޭގެ މާލިއްޔަތުގެ ތަފާސް ހިސާބު އާންމު ނުކުރާތާ ހަމަސްދުވަސްވެއްޖެ. ވެރިކަމުގެ ތެރޭގައި ހިނގާދިޔަ ޓްރާންސިޝަން މަރުހަލާގެ ތެރޭގައި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން، އެކުންފުނި ހިނގާފައި އޮތްގޮތުގެ މާލީ ހިސާބު އަޅުގަނޑުމެންނަކަށް ނުދެއްކި. ވައްކަން ކޮށްފައި އޮތްލެއް ގިނަކަމުން،" ޝުޖާއު ވިދާޅުވިއެވެ.






