ޕާކިސްތާނުގައި ނަގުލަންދާށި އަންދައިގެން އޭގެ ވިހަ ދުން ބޯ މައްސަލަތަކެއް ފެންމަތި ވެއްޖެ

ޕާކިސްތާނުގައި ނަގުލަންދާށި އަންދައިގެން އޭގެ ވިހަ ދުން ބޯ މައްސަލަތަކެއް ފެންމަތި ވެއްޖެ

ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚްވާ ސަރަޙައްދުންނާއި އެހެނިހެން ބައެއް ހިސާބުތަކުން، މަރުވެފައިވާ ނަގުލަންދާށި ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ދުންބޯ މައްސަލަތަކެއްގެ ރިޕޯޓްތައް ވަނީ އާންމުވެފައެވެ.

މީޑިއާ ރިޕޯޓްތަކުން އެނގޭ ގޮތުގައި، އަވީލައި ހިއްކައިގެން ތައްޔާރު ކޮށްފައިވާ ނަގުލަންދާށި އަންދައިގެން، އޭގެއިން އަރާ ދުން ސިނގިރޭޓު ނުވަތަ ބިޑިއަށް އަޅައިގެން އެމީހުން ބޭނުން ކުރެއެވެ. ސިއްޙީ މާހިރުން ބުނާ ގޮތުގައި މިއީ އިންސާނުންނަށް އިންތިހާއަށް ނުރައްކާތެރި ކަމެކެވެ.

ނަގުލަންދާށީގެ ވިހައަކީ ވަރަށް ނުރައްކާތެރި ޕެޕްޓައިޑްސް އާއި ޕްރޮޓީންސް އެކުލެވޭ ކޮމްޕްލެކްސް މާއްދާއެކެވެ. މި މާއްދާތަކުން މައިގަނޑު ގޮތެއްގައި އަސަރު ކުރަނީ އިންސާނާގެ ނާރުތަކުގެ ނިޒާމުގައިވާ "އަޔަން ޗެނަލްތަކަށް" އެވެ. ނަގުލަންދާށިގެ ހަށިގަނޑާއި އޭގެ ވިހަ އަންދައި، އެއިން އަރާ ދުން ނޭވާލާ ނިޒާމުގެ ތެރެއިން ސިކުނޑިއަށް ފޯރުމުން ކެމިކަލް ގޮތުން ހަށިގަނޑަށް ވަނީ ކޮންކަހަލަ ބަދަލުތަކެއްކަން ސައިންސީ ދިރާސާތަކުން އަދި ފުރިހަމައަށް ހޯދިފައެއް ނުވެއެވެ. އަންދާލުމުން ވިހައިގެ ބައެއް ބައިތައް ބަދަލުވި ނަމަވެސް، އޭގައިވާ ނުރައްކާތެރި ޓޮކްސިންތައް ނައްތައެއް ނުލައެވެ.

ނަގުލަންދާށީގެ ވިހައަކީ އިންސާނާގެ ހަށިގަނޑަށް އިންތިހާއަށް ނުރައްކާތެރި މާއްދާއެކެވެ. މިއީ ސިއްހަތަށް ދާއިމީ އަދި ބޮޑެތި ގެއްލުންތަކެއް ދޭ ކަމެކެވެ. ނަގުލަންދާށީގެ ވިހައިގެ ސަބަބުން ސިކުނޑީގެ ނާރުތަކަށް ނުކުޅެދުންތެރިކަން މެދުވެރިވެއެވެ. ސިކުނޑީގެ ސެލްތަކަށް ގެއްލުންވެ، ހަނދާން ނެތުމާއި، ބޯއެނބުރުމާއި، ނާރުތަކުގެ ސީރިއަސް މައްސަލަތައް މެދުވެރިވެއެވެ.
ވިހައިގައިވާ މާއްދާތަކުގެ ސަބަބުން ހިތުގެ ހިނގުން އަވަސްވެ، ނުވަތަ ހިތުގެ ހިނގުން މުޅިން އޮޅުންބޮޅުންވެ، 'އެރިތުމިއާ' މެދުވެރިވެއެވެ. މީގެ ސަބަބުން ހިތް ހުއްޓުމުގެ ފުރުޞަތު ބޮޑުވެއެވެ.

ނަގުލަންދާށި އަންދައިގެން އަރާ ވިހަ ދުން ސީދާ ފުއްޕާމެޔަށް އެތެރެވުމުން ފުއްޕާމޭ ހަލާކުވެ، ނޭވާލާން ދަތިވުމާއި ފުއްޕާމޭގައި ފެންހެދުން ފަދަ ނުރައްކާތެރި ޙާލަތްތައް މެދުވެރިވެއެވެ. ވިހައިގެ އަސަރުން މުޅި ހަށިގަނޑުގައި ވަރަށް ގަދައަށް ވަރުޖެހި، މަސްތަކުގައި ވޭންއެޅުމާއި، ގާތްގަނޑަކަށް މުޅި ހަށިގަނޑުގެ ސެލްތަކަށް ނޭދެވޭ އަސަރުކުރެއެވެ.

ސީދާ ނަގުލަންދާށި ކެއުމުން ނުވަތަ އޭގެ ވިހަ ހަށިގަނޑަށް އެތެރެވުމުން މީހާ މަރުވުމުގެ ފުރުސަތު އޮންނަ ފަދައިން، މިފަދައިން ދުން އެރުވުމުން ހަށިގަނޑަށް ވަންނަ ޓޮކްސިންތަކުގެ މިންވަރު ގިނަވެ، ކުއްލިއަކަށް މީހާ މަރުވުމުގެ ނުރައްކާ ބޮޑެވެ.

ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ، މިއީ އެއްވެސް ޙާލެއްގައި ތަޖުރިބާކޮށްގެން ސަލާމަތްވެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ސީދާ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *