ޖަޕާނުގެ ހުޅަނގުދެކުނުގެ ސަރަހައްދަށް އައި 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ކުމަމޯޓޯ ޕްރިފެކްޗަރ އަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ޖަޕާން މީޓިއޮރޮލޮޖިކަލް އޭޖެންސީން ހާމަކޮށްފައިވާ ގޮތުގައި ބިމުގެ 16 ކިލޯމީޓަރު އަޑިން އައި މި ބިންހެލުން ކުރިމަތިވެފައިވަނީ އަންގާރަ ދުވަހުގެ ހަވީރު ޖަޕާނު ގަޑިން 4:27 ގައެވެ.
މި ބިންހެލުމުގެ ސަބަބުން ކަޝިމާ ޓައުންގައި ހުންނަ "އިއޯން މޯލް" ޝޮޕިންގ ސެންޓަރުގެ ދެވަނަ ފަންގިފިލާ ވަނީ ވެއްޓިފައެވެ. މި ހާދިސާގައި ބައެއް މީހުން މަރުވެ އަދި އިތުރު ބަޔަކު އިމާރާތުގެ ދަށުވެ ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އެ މޯލްގައި މަސައްކަތްކުރާ 20 އާއި 30 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުންނާ ގުޅޭނެ ގޮތެއް ނުވެފައިވާ ކަމަށް ޖަޕާނުގެ ގައުމީ ބްރޯޑްކާސްޓަރު (އެންއެޗްކޭ) އިން ވަނީ ރިޕޯޓުކޮށްފައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.
ބިންހެލުމުގެ އަސަރު ޖަޕާނުގެ އެންމެ ދުވަސްވީ އެއް އާސާރީ ބިނާ ކަމަށްވާ "ކުމަމޯޓޯ ކާސްލް" އަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. 1607 ވަނަ އަހަރު ބިނާކޮށްފައިވާ މި ތާރީޚީ ގަނޑުވަރުގެ ބޭރު ފާރުގެ ބޮޑު ބައެއް ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މި ގަނޑުވަރު ވަނީ ބިންހެލުމާ ގުޅިގެން ބަންދުކޮށްފައެވެ.
މީގެ އިތުރުންވެސް، މުދާއުފުލާ ރޭލެއް ފުރޮޅާލުމާއި، ސިނާއީ މަސައްކަތްކުރާ ކާރުޚާނާއެއްގެ ޓަވަރުތަކެއް ވެއްޓުމުގެ އިތުރުން ކުޑަ އިމާރާތެއްގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވިދާޅުވި ގޮތުގައި މަގުތަކަށާއި ބްރިޖުތަކަށް އަދި އިމާރާތްތަކަށް ގެއްލުންވެ، ކަރަންޓު ކެނޑުމާއި އަލިފާނުގެ ހާދިސާތަކުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ. ނަމަވެސް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ ތަފްސީލު އަދި އެއްކޮށް ސާފުނުވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.






