ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި 'ކޮކްރޯޗް ޖަންތާ ޕާޓީ' އިން 36 ދުވަސް ވަންދެން ކުރިއަށްގެންދިޔަ މުޒާހަރާ ވަނީ ކާމިޔާބީއަކާއެކު ނިންމާލާފައެވެ. އިމްތިހާނުތަކުގެ މައްސަލަތަކާ ގުޅިގެން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދްރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށްގެންދިޔަ މި މުޒާހަރާ ނިމުމަކަށް އައީ މިނިސްޓަރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި ކާމިޔާބީ ފާހަގަކުރަމުންދިޔައިރު ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވަނީ ޕާޓީގެ ފައުންޑަރ އަބީޖީތު ޑިޕްކޭ އާއި ތަރުޖަމާނުން ކަމަށްވާ އާޝުތޯޝް ރަންކާ އަދި ސޯރަވް ދާސް އަށެވެ. ނަމަވެސް މި މުޒާހަރާގެ ފަހަތުގައި އެންމެ ބުރަކޮށް، ރެޔާއި ދުވާލު މަސައްކަތްކުރީ 12 މެމްބަރުންގެ މައްޗަށް އެކުލެވޭ ވޮލަންޓިއަރ ޓީމެކެވެ.
ގާނޫނީ ވަކީލުންނާއި، ނޫސްވެރިންނާއި، އެމްބީއޭ ގްރެޖުއޭޓުންނާއި، ޕޮލިޓިކަލް ސައިންސް ކިޔަވާ ކުދިންގެ އިތުރުން އެކްޓިވިސްޓުން ހިމެނޭ މި ޓީމުން ވަނީ މުޒާހަރާގެ ހުރިހާ އިންތިޒާމުތަކެއް ބަލަހައްޓާފައެވެ. މީގެ ތެރޭގައި ސްޓޭޖު ތައްޔާރުކުރުމާއި، މީހުން ކޮންޓްރޯލް ކުރުމާއި، މީޑިއާތަކަށް މައުލޫމާތު ދިނުމުގެ އިތުރުން މުޒާހަރާގެ ޑިމާންޑްތައް ލިޔެ ތައްޔާރުކުރުން ހިމެނެއެވެ.
މި ޓީމުގައި ހިމެނޭ ރަތްނާ ސިންގްއަކީ ކުރީގެ ނޫސްވެރިއެއް އަދި ވަކީލެކެެވެ.އޭނާއަކީ ޓީމު އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތެވެ. އަދި ވައިޝްނަވީ އަކީ ޕަބްލިކް ޕޮލިސީ ދަރިވަރެކެވެ. އޭނާ އިސްކޮށް އުޅުނީ ޑިމާންޑްތައް ޑްރާފްޓްކުރުމާއި ރިސާޗް ކުރުމުގައެވެ.
އޫރްޖާ އަދި އަފްރީންގެ މަސައްކަތަކީ މުޒާހަރާގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ރާވައި، ސްޓޭޖުގެ ކަންކަން ބެލެހެއްޓުމެވެ. ރިސާޗްގެ ކަންކަން ބެލެހެއްޓި ބާލާ، ސްޓޭޖް މޮޑަރޭޓްކުރި ސުދީރް، ސްޓޭޖް މެނޭޖްކުރި ރާމް، ސެކިއުރިޓީ ބެލެހެއްޓި އަނަމް އަދި އާރިފްގެ އިތުރުން ފޮޓޯ އާއި ވީޑިއޯގެ ކަންކަން ބަލަހައްޓައި ސޯޝަލް މީޑިއާ އަޕްޑޭޓްކުރި ފައިޒާން، ކްޝިތިޖް އަދި ވިކީ އެވެ.
ރަތްނާ ސިންގް ބުނި ގޮތުގައި، ފުރަތަމަ މި މުޒާހަރާއަށް މިހާ ބޮޑު ތަރުހީބެއް ލިބި، މިފަދަ ބޮޑު ނަތީޖާއެއް ނެރެވިދާނެ ކަމަކަށް އެމީހުން އުއްމީދެއް ނުކުރެއެވެ. ނަމަވެސް މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައި، އޭނާގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން މުޒާހަރާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، މީހުން ގިނަވާން ފެށިއެވެ. އަދި ޖުލައި 20 ވަނަ ދުވަހު ފުލުހުން ދަރިވަރުންނާ ދެކޮޅަށް ކަރުނަގޭހާއި އިންޑިއާގެ ފުލުހުން ގެންގުޅޭ ލަކުޑިބުރި ބޭނުންކޮށް ހިންގި ހަމަނުޖެހުންތަކަށްފަހު މުޒާހަރާގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި 12 ޒުވާނުންނަކީ އެއްވެސް އަގަކާ ނުލައި، އަމިއްލަ އިސްނެގުމަށް ރެޔާއި ދުވާލު މަސައްކަތްކުރި ބައެކެވެ. 36 ދުވަހަށް ދެމިގެންދިޔަ މި މުޒާހަރާ ކާމިޔާބީއާ ހަމައަށް ގެންގޮސްދިނުމުގެ އަސްލު ބަތަލުންނަކީ ސްޓޭޖުގެ ފަހަތުގައި ތިބި މި ހީވާގި ޒުވާނުންނެވެ.





