ދޮޅު އަހަރު ތެރޭގައި ޑިޖިޓަލައިޒްޑް ސްމާޓް އައިޑީކާޑު ބޭނުން ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މިޑީއާގެ "ނޭޝަން ޗެޓް"ގައި މޯލްޑިވްސް 2.0 މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އަޅުގަނޑުމެންގެ އަތުގައި އޮންނަ އައިޑީކާޑަކީ ފިޒިކަލް އައިޑީކާޑަކަށްވާއިރު، އެ އައިޑީކާޑުގެ ބާވަތް ޑިޖިޓަލައިޒްޑް ސްމާޓް އައިޑީކާޑަކަށް ބަދަލު ވެގެން ދާނެ ކަމަށެވެ.
"އެކަންވެސް އިރާދަކުރެއްވިއްޔާ، ތާވަލުކުރެވިފައި އޮތްގޮތަށް، ކުރިއަށް އޮތް އަހަރެއް، ދޮޅު އަހަރުގެ ތެރޭގައި ހާސިލުވެގެންދާނެ،"، ރައީސް ވިދާޅުވިއެވެ.
ރައީށް ވިދާޅުވީ، އެއިން ހަމަ ގާތްގަނޑަކަށް ހުރިހާ ކަމެއް ކުރެވޭނެ ކަމަށެވެ. އެގޮތުން ޕޭމަންޓް ދެއްކުންވިޔަސް، ހުރިހާ ކަމެއްވެސް ކުރެވޭގޮތަށް މި ބަދަލުތައް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ ކާޑުން ގިނަ ކަންކަން ކުރެވޭނެ. ތަންތަނަށް ހިދުމަތް ހޯދަން ދިޔުން ކަމުގައިވިޔަސް، ހިދުމަތް ލިބިގަތުން ކަމުގައިވިޔަސް، ވާހަކައަކީ ހުރިހާ ކަމެއްގައިވެސް އެ ކާޑުން އެ މީހާގެ އަމިއްލަ ރެކޯޑްސްތައް ބެލެހެއްޓުން ކަމުގައިވިޔަސް، އެ ކުރެވޭގޮތަށް، ފިންގަ ޕްރިންޓް އިން ބިލްޓް ކާޑެއް މި ތައާރުފް ކުރަނީ. އަދި އޭގައި ޗިޕެއްވެސް ލާފައި. އޭގެ ތަފްސީލުތައް އިޢުލާނު ކުރާނެ ވަރަށް އަވަހަށް،". ރައީސް ވިދާޅުވިއެވެ.






