ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މީހަކު ޖަލަށް

ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މީހަކު ޖަލަށް

ރ. އުނގޫފާރުގެ ގެއަކަށް ވަގަށް ވަދެ، އެ ގޭގެ ކުކުޅު ކޮށިން ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މީހަކު ޖަލަށް ލާން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުގެ ފަރާތުން އުފުލި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިނގުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފައިވަނީ އުނގޫފާރު/ ޒަޔާނާމަންޒިލް، މުހައްމަދު ރީހާންގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އެ ދައުވާ އުފުލީ 15 އޮކްޓޫބަރު 2025ގެ ރޭގަނޑު އިތުރު މީހަކާއެކު އުނގޫފާރު/ ލުނބޯގަސްދޮށުގެއަށް ވަދެ، އެ ގޭގައި ހުރި ކުކުޅު ކޮށިން ދެ ކުކުޅާއި ހާލެއް ނަގާފައިވާތީ އެވެ.

މި ދައުވާއަށް ޖަވާބުދާރީވަމުން ދައުވާ ރައްދުވާ ރީހާން ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. އެހެންވެ މައްސަލައާ ގުޅިގެން އަވަސްނިޔާގެ އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި ރީހާންގެ ފަރާތުން ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަން ފާހަގަކުރި އެވެ.

އެގޮތުން ދައުވާއާ ގުޅިގެން ރީހާން އާއި ޕްރޮސިކިއުޓާ ޖެނެެރަލްއާ ދެމެދު 21 މެއި 2026 ގައި އިއުތިރާފުގެ އެއްބަސްވުމެއް ހެދި އެވެ. އެ އެއްބަސްވުމުގައިވާ އަދަބަކީ 20 ދުވަހަށް ޖަލަށް ލުމާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 500 ރުފިޔާ ވެރިފަރާތަށް ދިނުމެވެ.

އަދަބާބެހޭ ގޮތުން ވާހަކަދައްކަމުން ދައުލަތުން ވަނީ އެއްބަސްވުމުގައިވާ ގޮތަށް ގެއްލުން ލިބުނު ފަރާތަށް ރީހާން 500 ރުފިޔާ މިހާރު ދީފައިވާ ކަމަށާއި އެހެންކަމުން ހުކުމްކުރާއިރު އެބައި އުނިކޮށްދިނުމަށް އެދިފަ އެވެ.

އަދި އޭނާގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު ޖޫރިމަނާ އަދަބަކަށް ބަދަލުކޮށްދިނުމަށް ރީހާންގެ ފަރާތުން އެދުނެވެ.

ނަމަވެސް މައްސަލަ ބެއްލެވި އިސްމެޖިސްޓްރޭޓް ރިމާހު މުހައްމަދު ހުކުމް ކުރެއްވީ ރީހާން އާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ރީހާން 20 ދުވަހަށް ޖަލަށްލުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *