ސަވާހެލި ސަރުކާރަށް ނެގީ އައްޑޫ ރައްޔިތުންގެ ހައްގު ތަކަށް އަރައިގަތުމަށް: ޝާހިދު

ސަވާހެލި ސަރުކާރަށް ނެގީ އައްޑޫ ރައްޔިތުންގެ ހައްގު ތަކަށް އަރައިގަތުމަށް: ޝާހިދު

އައްޑޫ ސިޓީގެ އިހްތިޞާޞްގެ ތެރޭގައި ހިމެނޭ "ސަވާހެލި" ރަށް، މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަކީ އައްޑޫގެ ރައްޔިތުންނާއި ކައުންސިލުގެ ބާރުތަކަށް އަރައިގަތުން ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ސަވާހެލި އައްޑޫ ސިޓީ ކައުންސިލްގެ އިހްތިޞާޞުން ވަކިކޮށް، ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ، އެ ރަށުގައި މުނިފޫހިފިލުވުމާއި ރެކްރިއޭޝަން ފެސިލިޓީއެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް ކަމަށެވެ.

ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި މި މަޝްރޫޢަކީ އައްޑޫގެ އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އުއްމީދީ މަޝްރޫޢެކެވެ. ޚާއްސަކޮށް ސަވާހެލި ކުރިމަތީގައި އޮންނަ ފޭދޫގެ ފަތުރުވެރިކަމުގެ ޒޯނަށާއި، އައްޑޫގެ އެހެން ރަށްތަކުގެ ގެސްޓް ހައުސް ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ބޮޑެތި މަންފާތަކެއް ކުރާނެކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

"އައްޑޫ ސިޓީގެ ރައްޔިތުންނާއި އެ ރައްޔިތުން އިންތިޚާބު ކޮށްފައި އޮތް ކައުންސިލުގައި ހޭވެސް އަހާނުލައި ސަރުކާރުން މި ނިގުޅައިގަތީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު ޙައްޤެއް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އައްޑޫގެ މުސްތަޤުބަލާމެދު ގޮތް ނިންމަންވާނީ މާލޭގެ ފިނި ކޮޓަރި ތަކުގައި ތިބޭ ބަޔަކު ނޫން ކަމަށާއި، އަމިއްލަ މުސްތަޤުބަލު ބައްޓަން ކުރުމުގެ ފުރިހަމަ އިޚްތިޔާރު އައްޑޫގެ ރައްޔިތުންނަށް އޮންނަންވާނެ ކަމަށެވެ.

އައްޑޫގެ ފަތުރުވެރިކަމާ ގުޅިފައިވާ ސަވާހެލި، މިހިނދުން މިހިނދަށް އައްޑޫ ސިޓީގެ ރައްޔިތުންނާ އަނބުރާ ޙަވާލު ކުރުމަށް ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ގޮވާލައްވާފައެވެ.

މި މައްސަލައާ ގުޅިގެން އައްޑޫގެ އާންމު ރައްޔިތުންގެ މެދުގައިވެސް ކަންބޮޑުވުން އުފެދިފައިވާއިރު، މިއީ ލާމަރުކަޒީ ނިޒާމުގެ ރޫޙާ ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *