ވަށާޖެހޭ ސިޔާސަތަކާއެކު ޒުވާނުން ބާރުވެރިކޮށް، މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް

ވަށާޖެހޭ ސިޔާސަތަކާއެކު ޒުވާނުން ބާރުވެރިކޮށް، މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް

ވަށާޖެހޭ ސިޔާސަތެއްގެ ދަށުން ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވަކިވަކި ދާއިރާތަކަށް ޚާއްސަކޮށް، އެ ދާއިރާއެއް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ރައީސް އޮފީހުން ގެނެސްދޭ ޕަލްސް ފޮޑްކާސްޓް ސީރީޒްގެ 5ވަނަ އެޕިސޯޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއަކީ ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރިއެރުވުމަށް މަސައްކަތްކުރާ އެއް ދާއިރާއެއް ކަމަށެެވެ. ޒުވާނުންނަކީ ގައުމުގެ އިގުތިޞާދު ބިނާކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ ފަރާތްތަކެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ފަރާތްތައް ބާރުވެރިކުރުވުމަށް އެކި ކަހަލަ މަޝްރޫއުތަކާއި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

ޒުވާނުންނަށް އެކި ދާއިރާތަކުން ފަހި ފުރުސަތުތަކެއް ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، އިގުތިޞާދީ ގޮތުން ތަފާތު އެކި ސްކީމްތަކަށް ޒުވާނުންނަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ތަޢުލީމީ ގޮތުންވެސް ވަރުގަދަ ޒުވާން ޖީލެއް ބިނާކުރުމަށް މިހާތަނަށް ތަފާތު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ތަޢުލީމީ ގޮތުން ވަރަށް ގިނަ ފުރުސަތުތަކެއް، އެއީ މަތީ ތަޢުލީމުކަމުގައިވިޔަސް، އަދި ތައުލީމު ނިންމާފަވިޔަސް ވަޒީފާގެ ފުރުސަތުތައް ހޯދުމާއި އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ގޮތްތައް ވިޔަސް އަދި އުފެއްދުންތެރިކަން އިތުރަށް ކުރިއަށްގެންދެވޭނެ ގޮތްތައް މިހާރު ވާނީ ހަމަޖައްސާދީފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތައުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް ޕާތްވޭސްތައް އިހުތިޔާރު ކުރުމުގެ ފުރުސަތުތައް މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން، ދިވެހި ވަޠަނީ ހިދުމަތުގެ ޕްރޮގްރާމު މެދުވެރިކޮށް ވަޒީފާގެ ފުރުސަތުތައް އަދި، ބޯހިޔާވަހިކަމުގެ ދާއިރާއިންވެސް ފަހި ފުރުސަތުތަކެއް އަދުގެ ޒުވާން ޖީލަށް ފަހިކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކްރީއޭޓަރ އިކޮނޮމީގެ ހަގީގީ ސިފަ ރާއްޖޭގެ އިގުތިޞާދުގެ ތެރެއިން ޖައްސުވައިދީ، އޭގެ ފުރުސަތުތައް ފަހިކުރުމުގެ ސަބަަބުން 2030ވަނަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް މި ދާއިރާއަށް ވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ކޮންމެ ދާއިރާއަކުންވެސް ވަށާޖެހޭ ގޮތެއްގައި ޒުވާނުން ބާރުވެރިކުރުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *