ބޭސް ލިބޭނެ ފާމަސީތައް އެނގޭނެ ޕޯޓަލްއެއް ގާއިމުކުރުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އިން ފަށައިފި އެވެ.
ސްޓޭޓްފާމާ އިން ބުނީ އެ ކުންފުނީގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ގާއިމުކުރާ ހާއްސަ ޕޯޓަލް އަންނަ ސެޕްޓެމްބަރު މަހު ލޯންޗްކުރާނެ ކަމަށެވެ.
ސްޓޭޓްފާމާ އިން ބުނީ އެ ކުންފުނިން ކުރާ މަސައްކަތަކީ، ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ދެނެގަނެ، އެކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން، ބޭސް ލިބެން ހުންނަ ފާމަސީތައް ނޭނގުމަކީ، ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއްކަން ފާހަގަކޮށް ސްޓޭޓްފާމާ އިން ބުނީ މި ޕޯޓަލްއަކީ، ކޮންމެތާކު ހުރެގެންވެސް ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީއާއި އެ ބޭސް ލިބެން ހުންނަ އަގު ބަލާލެވޭނެ ގޮތަށް ފަރުމާކުރަމުންދާ ޕޯޓަލްއެއް ކަމަށެވެ.
ސްޓޭޓްފާމާއަކީ ރައީސްގެ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފަ އެވެ.






