ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރުމަށް ނިންމި ނިންމުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށާއި، މީގެ ސަބަބުން ގައުމުގެ މާލީ ނިޒާމަށް އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރުމަކީ ފައިސާ ޗާޕުކުރުމުގެ އަމަލެކެވެ.
މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ހާމަކުރައްވަމުން ޝާހިދު ވިދާޅުވީ، މި އަމަލުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން މަތިވެ، ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓިގެންދާނެ ކަމަށެވެ. އަދި ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު އިންތިހާއަށް މަތިވެގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންނާއި އިސް މުވައްޒަފުން އިސްތިއުފާ ދެމުންދާ ދަނޑިވަޅެއްގައި، އެކަންކަމަށް ބެލުމެއްނެތި 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ރައްޔިތުންގެ މުސްތަގުބަލާއި މުޅި ގައުމުގެ މާލީ ނިޒާމު ހަލާކުކޮށްލުން ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ޚިލާފުވެފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. "ރައީސް މުއިއްޒު ފައިސާ ޗާޕު ނުކުރައްވާނެކަމަށް ވިދާޅުވެފައިމެ، އެ ވައުދާއި ޚިލާފުވެ، މާލީ ނިޒާމަށް މިވަރު ބޮޑު ގެއްލުމެއް ލިބިދާނެގޮތަކަށް ކަންކުރެއްވުމަކީ ވަރަށް ދެރަވަރުކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ މާލީ އިދާރާތަކުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.






