ބ. ކުޑަރިކިލުގައި ޤާއިމުކުރާ އައިސް ޕްލާންޓްގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމައި، އެ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ވަނީ ކުޑަރިކިލުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމަށް ތާވަލުކުރެވިފައިވާއިރު، އެ ކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ތާރީޚެއް އޮޅުން ފިލުއްވުމަށް ވަޒީރާ ސުވާލު ކުރައްވާފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ކުޑަރިކިލަކީ ގިނަ އަދަދަކަށް ފަރުމަސްވެރިން ހަރަކާތްތެރިވާ ރަށެއް ކަމަށެވެ. އެހެންކަމުން އެ ރަށުގެ ފަރުމަސްވެރިންނަށް ޚާއްޞަކޮށް އައިސް ޕްލާންޓެއް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަސްވެރިންގެ ފަރާތުން ލިބިލެއްވި ވަރަށް ޚާއްޞަ އިލްތިމާސެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އައިސް ޕްލާންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، މި މަސައްކަތް ކުރުމަށްޓަކައި މިހާރު އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަޤީންކަން ކޮންޓްރެކްޓަރު ދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް 6 މަސް ދުވަސް ތެރޭގައި އެ މަސައްކަތް ނިންމާ އެ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ މި ސަރުކާރު ވެރިކަމަށް އައިއިރު މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކުރީ ސަރުކާރުން މިފްކޯގެ ދަށުން ހިންގަމުންދިޔަ 22 އައިސް ޕްލާންޓެއް ފެނަކައަށް ބަދަލުކުރުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށާއި، މި ސަރުކާރުން ހަވާލުވިއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އައިސް ޕްލާންޓް ހުރީ ހަލާކުވެ މަސައްކަތް ނުކުރާ ހާލަތުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޅާކުރުން ކަމަށްވެސް މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.






