ތުރުކީގެ އުފަންވާ ރޭޓް ދަށްވަމުންދާތީ، އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، އާދަޔާ ހިލާފަށް ގިނައިން ސިޒޭރިއަން ހަދާފައިވާ 100 އަށްވުރެ ގިނަ އަންހެނުންގެ ހާއްސަ ޑޮކްޓަރުން (އޮބްސްޓެޓްރިޝަން-ގައިނަކޮލޮޖިސްޓުން) ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފިއެވެ. އަދި މި ޑޮކްޓަރުންނަށް މަޖުބޫރުން އިތުރު ތަމްރީނުތަކެއް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.
މި ފިޔަވަޅުތަކަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ "ޑިކޭޑް އޮފް ދަ ފެމިލީ"ގެ ސިޔާސަތުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކެކެވެ. 2023 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޯއީސީޑީ ގެ 38 ގައުމުގެ ތެރެއިން އެންމެ ގިނައިން ސިޒޭރިއަން ހަދަނީ ތުރުކީގައެވެ. އެގޮތުން، އެ އަހަރު އުފަންވި ކޮންމެ 1،000 ކުދިންގެ ތެރެއިން ގާތްގަނޑަކަށް 615 ކުދިން (61 އިންސައްތަ) އުފަންވެފައިވަނީ ސިޒޭރިއަން މެދުވެރިކޮށެވެ.
ތުރުކީގެ ހެލްތު މިނިސްޓްރީން މި ފިޔަވަޅު އަޅާފައިވާއިރު، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެ ގައުމުން ވަނީ ޞިއްޙީ ގޮތުން ކޮންމެހެން މަޖުބޫރުވެގެން ނޫނީ ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އަމިއްލަ އިޚްތިޔާރަށް ސިޒޭރިއަން ހެދުން މަނާކޮށްފައެވެ.
ޑޮކްޓަރުންނާއި ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި، ސިޒޭރިއަން ހަދާ ނިސްބަތް ގިނަވަނީ ހަމައެކަނި ޑޮކްޓަރުންގެ އަމިއްލަ އިޚްތިޔާރުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އާންމުކޮށް ވިހެއުމަށް 12 ގަޑިއިރު ހޭދަވާއިރު، ސިޒޭރިއަނަކަށް ނަގަނީ އެންމެ 30 މިނެޓު ކަމަށްވުމުން، ހޮސްޕިޓަލްތަކުގައި ވަގުތު ސަލާމަތްކުރުމަށާއި، ވިހެއުމުގެ ތެރޭގައި ދިމާވެދާނެ މައްސަލަތަކާ ގުޅިގެން އަތުވެދާނެ ގާނޫނީ ފިޔަވަޅުތަކުން (މެލްޕްރެކްޓިސް ކްލެއިމްސް) ރައްކާތެރިވުމަށް ޑޮކްޓަރުންނަށް ސިޒޭރިއަން ހެދުމަށް މަޖުބޫރުވަނީއެވެ. މީގެ އިތުރުން ޞިއްޙީ ނިޒާމުގައި ހުރި އެހެނިހެން މައްސަލަތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.
ނަމަވެސް، ތުރުކީ ސަރުކާރުން ދަނީ ގުދުރަތީ ގޮތަށް ވިހެއުމަށް ބާރުއަޅައި، އުފަންވާ ކުދިންގެ ނިސްބަތް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަސްޕެންޑް ކުރެވުނު ޑޮކްޓަރުން އަލުން ވަޒީފާއަށް ނުކުތުމުގެ ކުރިން ދައުލަތުގެ ހޮސްޕިޓަލެއްގައި ތަމްރީނު ފުރިހަމަކޮށް، އިމްތިހާނަކުން ފާސްވާން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.






