ޖަޕާނުގެ ތާރީޚުގައި އެޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ، ސަނައޭ ތަކައިޗީ، އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ ޖަޕާނާއި އިންޑިއާގެ ގުޅުން މުޅިން އައު ހިސާބަކަށް ގެންދިޔުމަށް މަގުފަހިވެގެން ދިޔަ މުހިންމު ބައްދަލުވުމެކެވެ. ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު މި ބާޒާރު ބައްދަލުވުމުގައި، ގުޅުން ބަދަހި ކުރުމުގެ ގޮތުން 16 ނުކުތާގެ މައްޗަށް އެކުލެވޭ ރޯޑްމެޕެއްގައި ވަނީ ސޮއި ކޮށްފައެވެ.
މީގެ ތެރޭގައި ދިފާއީ ދާއިރާ، މުހިންމު މިނަރަލްތައް، ހަކަތައިގެ ރައްކާތެރިކަން އަދި އާޓިފިޝަލް އިންޓެލިޖެންސް ގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުން ހިމެނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ޖަޕާނުގެ އަމިއްލަ ކުންފުނިތަކުން އިންޑިއާގައި 10 ޓްރިލިއަން ޖަޕަނީޒް ޔެން (ގާތްގަނޑަކަށް 5.5 ލައްކަ ކްރޯޑް އިންޑިއަން ރުޕީސް) އިންވެސްޓް ކުރުމަށް ޖަޕާނުން ވަނީ ވައުދުވެފައެވެ.
މި ބައްދަލުވުމަށްފަހު ދެ ބޭފުޅުން މީޑިއާއަށް ދެއްވި ބަޔާނުގައި، ބޮޑުވަޒީރު މޯދީ، ޖަޕާނުގެ ބޮޑުވަޒީރު ތަކައިޗީއަށް ނިސްބަތްކުރައްވައި " ބިއުޓިފުލް ޔަންޖަރ ސިސްޓަރ " އޭ ވިދާޅުވި ވަގުތުކޮޅު މިހާރު ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވަމުންނެވެ. ދެ ލީޑަރުންގެ މެދުގައި އޮތް ގާތްކަމާއި ޑިޕްލޮމެޓިކް ރަހުމަތްތެރިކަން މި ބަސްކޮޅުން ވަރަށް ބޮޑަށް ހާމަވެގެންދިޔަ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.






