ގާތްގަނޑަކަށް 35 ހާސް ޑޮލަރުގެ އަގުބޮޑު އަނގޮޓިއެއް ބެލްޖިއަމްއިން ޓްރަމްޕަށް ހަދިޔާ ކޮށްފި

ގާތްގަނޑަކަށް 35 ހާސް ޑޮލަރުގެ އަގުބޮޑު އަނގޮޓިއެއް ބެލްޖިއަމްއިން ޓްރަމްޕަށް ހަދިޔާ ކޮށްފި

ބެލްޖިއަމްގެ އެންޓްވެރޕް ވޯލްޑް ޑައިމަންޑް ސެންޓަރު އިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް އަގުބޮޑު އަދި ފާހަގަކޮށްލެވޭ ފަދަ ހާއްސަ އަނގޮޓިއެއް ހަދިޔާކޮށްފިއެވެ.

މި އަނގޮޓި ހަދިޔާކޮށްފައި ވަނީ ބެލްޖިއަމްގެ ޑައިމަންޑް އިންޑަސްޓްރީން އެމެރިކާއަށް އެތެރެކުރާ ހިލަތަކުން ނަގަމުން އައި ޓެރިފް (އިމްޕޯޓް ޑިއުޓީ) ކަނޑާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބްރަސަލްސްގައި ބޭއްވި ހަފުލާއެއްގައި، މި އަނގޮޓި ހަވާލުކޮށްފައި ވަނީ ބެލްޖިއަމްގައި ހުންނަވާ އެމެރިކާގެ ސަފީރު ބިލް ވައިޓްއާއެވެ. މި ހަފުލާއަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވަނީ އެންޓްވެރޕްގެ ރައްޓެހިންނަށް މި ހަދިޔާއަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މި އަނގޮޓި ފަރުމާ ކޮށްފައިވަނީ އެންޓްވެރޕްގެ މަޝްހޫރު ގަހަނާ ފަރުމާކުރާ ކުންފުންޏެއް ކަމަށްވާ ޑޭވިޑް ގޮޓްލިބް އެވެ. 18 ކެރަޓްގެ ރަނުން ހަދާފައިވާ މި އަނގޮޓީގައި ހިމެނެނީ:

* 321 އަލިމަސް (ޑައިމަންޑް)
* 56 ސެފަޔަރ
* 13 އެމެރަލްޑް
* 6 ރޫބީ

އަނގޮޓީގެ ބޭރުގައި ގިނަ އަދަދެއްގެ އަލިމަސް ބޭނުން ކޮށްގެން ބޮޑު ދެ "T" އަކުރު ޖަހާފައިވާއިރު، އެމެރިކާގެ ދިދަ އާއި "1776″ އަދި "2026″ ގެ އަހަރުތައް ފެންނަން ހުރެއެވެ. މީގެ އިތުރުން ސުޕަމޭންގެ ލޯގޯގެ ބައްޓަމަށް 45 އަދި 47 (ޓްރަމްޕްގެ ރިޔާސީ ދައުރުތައް ރަމްޒުކޮށްދޭ) ޖަހާފައިވެއެވެ. އަދި އަނގޮޓީގެ އެތެރޭގައި "Crafted in Antwerp for Donald John Trump" މިހެން ލިޔެފައިވެއެވެ.

މި އަނގޮޓީގެ އަގު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މި ދާއިރާގެ މާހިރުން އަންދާޒާކުރާ ގޮތުގައި މީގެ އަގު އުޅެނީ 25,000 އާއި 35,000 އެމެރިކާ ޑޮލަރާ (ގާތްގަނޑަކަށް 385,000 އާއި 539,000 ދިވެހި ރުފިޔާ) ދެމެދުގެ އަދަދެއްގައެވެ.

މިދިޔަ އަހަރު ޓްރަމްޕް ފެއްޓެވި ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ބެލްޖިއަމްގެ ޑައިމަންޑް ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު ބެލްޖިއަމްގެ ޑައިމަންޑް ސެންޓަރުން ވަނީ އެމެރިކާއަށް އެތެރެކުރާ އަހަރަކު 2 ބިލިއަން ޑޮލަރުގެ ޑައިމަންޑުން ނަގާ ޓެރިފް 0 އިންސައްތައަށް ދަށްކުރުމަށް ކާމިޔާބު ހޯދާފައެވެ.

އެމެރިކާގެ ގާނޫނީ މާހިރުންނާއި އަހުލާގީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕް މިފަދަ އަގުބޮޑު އަމިއްލަ ހަދިޔާތައް ގަބޫލުކުރެއްވުމަކީ ވައިޓް ހައުސްގެ ޒަމާންވީ އުސޫލުތަކާ ހިލާފު ކަމެކެވެ. އެމެރިކާގެ ގާނޫނުއަސާސީ ބުނާ ގޮތުން ބޭރު ގައުމުތަކުގެ ސަރުކާރުތަކުންދޭ ހަދިޔާ ގަބޫލުކުރުން ރައީސުންނަށް މަނާވި ނަމަވެސް، އަމިއްލަ ޖަމިއްޔާތަކާއި ކުންފުނިތަކުންދޭ ހަދިޔާތައް ގަބޫލު ކުރުމުގެ އިހުތިޔާރު ރައީސަށް އޮވެއެވެ. ނަމަވެސް އެތަކެތީގެ މައުލޫމާތު މާލީ ބަޔާނުގައި ހާމަކުރަން ޖެހެއެވެ. ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި މި އަނގޮޓި އަދި ރަސްމީކޮށް ޓްރަމްޕާ ހަވާލެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *