ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި އުޅަނދުތަކަކަށް ހަމަލާދެވުނީ އޮޅުމަކުން ކަމަށް އީރާނުން ސިއްރިއްޔާތުގައި އެމެރިކާއަށް އަންގައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ އޮފިޝަލުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުޝީރުންނާ ބައްދަލުކޮށް، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަށް ބަޑިން ހަމަލާދެވުނީ "ގޯހަކުން" ކަމަށް ބުނެފައެވެ. އަދި މި ހަމަލާތަކަކީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކަށް ހުރަސްއަޅަން އުޅޭ ހަރުކަށި ފިކުރުގެ ވަކި ގުރޫޕަކުން ދިން ހަމަލާތަކެއް ކަމަށާއި، އީރާނުން އަދިވެސް ބޭނުން ވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ކަމަށް އެގައުމުން ބުނެފައިވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީ ސީބީއެސްއިން ބުނެއެވެ.
ނަމަވެސް، ވައިޓް ހައުސްއިން ބޭނުން ވަނީ އީރާނުން އާންމުކޮށް އެމީހުންނަށް ހެދުނު ގޯސް ގަބޫލު ކުރުމަށެވެ. އެމެރިކާއިން ދެކޭގޮތުގައި މި ހަމަލާތަކަކީ ދެގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެކެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އީރާނުން މަޝްވަރާގެ މޭޒަށް އެނބުރި އައިސް ބުނެފައިވަނީ "އަހަރެމެންނަށް ގޯހެއް ހެދިއްޖެ، ވާހަކަ ދެއްކުން ކުރިއަށް ގެންދަމާ ހިނގާ" މިފަދައިންނެވެ. އެހެންނަމަވެސް، އެމެރިކާގެ ސަރުކާރުން ބުނަނީ އީރާނުން ހަމަލާދިނީ ހަމައެކަނި ވަކި ގުރޫޕެއްގެ ސަބަބުން ނޫން ކަމަށާއި، ކަނޑުއޮޅީގެ ދެކުނު ލޭނުން (އޮމާންގެ އައްސޭރި ފަށާވީ ފަރާތުން) އާދަޔާ ޚިލާފަށް ގިނައިން ތެލާއި ގޭސް އުފުލާ އުޅަނދުތައް ބާރުމިނުގައި ދަތުރު ކުރަން ފެށުމުން އީރާނަށް ކުއްލި ސިހުމެއް ލިބި، އެއްބަސްވުމާ ޚިލާފުވީ ކަމަށެވެ.
މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އޮމާންގައި މިއަދު މުހިންމު މަޝްވަރާ ތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް އުޅުއްވަނީ ނައިބު ރައީސް ޖޭޑީ ވެންސް، ޖެރެޑް ކުޝްނާ، ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި މަޝްވަރާތަކަށްފަހު ހުރްމުޒް ކަނޑުއޮޅި ކުރިއެކޭވެސް އެއްގޮތަށް ވިޔަފާރި އުޅަނދުތަކަށް ހުޅުވާލެވިފައި އޮންނާނެ ކަމަށް އީރާނުން އެއްބަސްވާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި އީރާނުން އެގޮތަށް އެއްބަސްނުވެއްޖެނަމަ، އެގައުމަށް "މާ ރަނގަޅު ދުވަސްތަކެއް ކުރިމަތިއެއް ނުވާނެ" ކަމަށާއި، އީރާނުން ދެންވެސް ދުޝްމަންކަން ދައްކާނަމަ އެމެރިކާއިން އަސްކަރީ އަދި އިގްތިސާދީ ބާރުގެ ބޭނުންކޮށްގެން ރައްދުދޭނެ ކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފައެވެ.
މީގެއިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލައަށް އަލިއަޅުވާލަމުން އެމެރިކާއިން ބުނީ، ކަނޑުއޮޅި ހުޅުވާލުން ފަދަ ލުއި ކަންކަމުގައިވެސް އީރާނަށް ވައުދުތައް ނުފުއްދޭނަމަ، ނިއުކްލިއާ ޕްރޮގްރާމް ފަދަ އުނދަގޫ މައްސަލަތަކުގައި ދުވަހަކުވެސް އެއްބަސްވުމަކަށް ނާދެވޭނެ ކަމަށެވެ.





