އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު (ޑީއެމްޑީ)ގެ މަޤާމަށް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުއާޒް މުޙައްމަދު ރަޝީދު އައްޔަންކުރައްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މުއާޒް އެ މަޤާމަށް އައްޔަންކުރުމަށް އެމްޑަބްލިއުއެސްސީގެ ޑިރެކްޓަރުންގެ ބޯޑުން މިހާރު ވަނީ ފާސްކޮށްފައެވެ. އޭނާއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ފެނަކައިގެ އެމްޑީކަމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވި ބޭފުޅާއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހު އޭނާ ވަނީ އެ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.
ފެނަކައިގެ އިސްވެރިޔާގެ މަޤާމުން ދުރުވެވަޑައިގަތުމަށް ފަހު މުއާޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އޭނާގެ އިސްތިއުފާގެ މައިގަނޑު ސަބަބަކީ ކުންފުނީގެ މާލީ ހާލަތު ދަށަށް ގޮސް، ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ މަގެއް ފެންނަން ނެތުން ކަމަށެވެ. އަދި ކުންފުނި ކޮޅަށްޖެހުމަށްޓަކައި އެކުލަވާލި ޚާއްޞަ ޕްލޭންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރެއްވި ނަމަވެސް، އެކަމަށް އެއްވެސް އަލިމަގެއް ފެނިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.






