އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅެއްގައި، އީރާނުގެ ބަދަލުގައި "އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާން" އިން އެމެރިކާއަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ވިދާޅުވެ، ދުނިޔޭގެ ސަމާލުކަން ހޯއްދަވައިފިއެވެ.
ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓުގެ ތެރެއިން، ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ބޮޑު އޮޅުމެއްގެ ތެރެއަށް ވެއްޓިވަޑައިގެންފައެވެ. އެމެރިކާގެ މިސައިލް ޑިފެންސް ސިސްޓަމްތަކުގެ ވަރުގަދަކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާނުން" ފޮނުވާލި 111 މިސައިލް އެމެރިކާގެ އަތުގައި އެބަހުރި ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، މި މިސައިލްތައް އަމާޒުކޮށްފައި ވަނީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" އަށެވެ. ނަމަވެސް އެމެރިކާގެ ދިފާއީ ނިޒާމުން އެ ހުރިހާ މިސައިލެއް ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވާހަކަފުޅުގައި ޓްރަމްޕް "އީރާން" ގެ ނަން ބޭނުންކުރަން ޖެހޭ ތަނުގައި، އެމެރިކާގެ ގާތް އެކުވެރި ގައުމެއް ކަމަށްވާ "ޖަޕާން" ގެ ނަން ބޭނުންކުރެއްވި މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ މީސްމީޑިއާގައި ވަރަށް ބާރަށް ފެތުރެމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕް އިޝާރާތް ކުރެއްވީ މީގެ ކުރިން އީރާނުގެ އަސްކަރިއްޔާއާ ދެމެދު ހިނގާފައިވާ ކުރިމަތިލުންތަކަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު އަލުން މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި ޓްރަމްޕް މިފަދަ ބޮޑު އޮޅުމެއް އަރުއްވާފައިވާއިރު، އޭނާ ވަނީ އީރާނާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅުތައް އެޅުމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ މި ބައްދަލުވުމުގައި ދެއްވާފައެވެ.






