މީސްމީޑިއާގެ އެކި މަންސަތަކުގައި މިދުވަސްވަރު އެންމެ ގަދައަށް އިވެމުންދާ އެއް އަޑަކީ ފ. ފީއައްޔަށް އުފަން ޒުވާން މަދަހަ ކިޔުންތެރިޔާ ދާއިން އަބްދުލް އަލީމްގެ ހިތްގައިމު އަޑެވެ. ދާއިންގެ ރީތި ރާގުތަކާއި ފުރިހަމަ އަޑުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓިފައިވާއިރު، ރާއްޖޭގެ މަޝްހޫރު ދީނީ ޝަޚްސިއްޔަތު އަދި ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ވެސް މިވަނީ ދާއިންއާއެކު މަދަހައެއް ކިޔުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އުމުރުން އެންމެ 22 އަހަރުގެ ދާއިންގެ މި ފަންނުވެރިކަމުގެ ފެށުމަކީ އޭނާގެ ކުޑައިރުގެ ހަނދާންތަކެވެ. އޭނާގެ މަންމަ މަދަހަ ކިޔާތަން ފެނި، އެކަމަށް އުފެދުނު ލޯތްބަކީ މިއަދު އޭނާ މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. ކުޑަ އިރުއްސުރެ މަދަހަ ކިޔުމަށް އިންތިހާއަށް ލޯބިކުރާ ދާއިންއަކީ މިހާރު ފީއަލީ ފެނަކަ ބްރާންޗުގެ މުވައްޒަފެކެވެ. ވަޒީފާގެ ބުރަ މަސައްކަތުގައި އުޅެމުންވެސް، ޑިއުޓީ ނިންމާލުމަށްފަހު ލިބޭ ހުސްވަގުތުތަކުގައި އޭނާ އަބަދުވެސް ހޭދަކުރަނީ މަދަހަތައް ފަރިތަކުރުމުގައެވެ.
ދާއިންގެ އުންމީދަކީ މަދަހަ ކިޔުމުގެ ދާއިރާއިން ކުރިއަށް ގޮސް، ދީނީ މެސެޖުތައް އާންމުންނަށް ފޯރުކޮށްދިނުމެވެ. ނަމަވެސް، މި ދަތުރަކީ ގޮންޖެހުންތަކުން ފުރިގެންވާ ދަތުރެކެވެ. ޓިކްޓޮކް އަދި ފޭސްބުކް ފަދަ މީސްމީޑިއާގެ މަންސަތަކަށް އޭނާ ލާ ވީޑިއޯތަކަށް ލިބޭ ބައެއް ނޭދެވޭ ކޮމެންޓްތަކާއި، އަމާޒުވާ ފާޑުކިއުންތަކުގެ ސަބަބުން ބައެއް ފަހަރު ފަހަތަށް ޖެހެވޭ ކަމަށް ދާއިން ފާހަގަކުރިއެވެ. "އަސްލު ވަރަށް އުނދަގޫވޭ ބައެއް ކަހަލަ ކޮމެންޓްތަކުގެ ސަބަބުން. އެކަމަކުވެސް ހިތްވަރު އެލުވައިނުލާ ކުރިއަށްދާން މި މަސައްކަތް ކުރަނީ،" ދާއިން ބުންޏެވެ.
ދާއިންގެ މި ހުނަރުވެރިކަން މީޑިއާގެ ސަމާލުކަމަށް އައުމާއެކު، އަލީ ރަމީޒު ވަނީ ދާއިންއާއެކު މަދަހަ "ޑުއެޓެއް" ކިޔަން ބޭނުންވާކަން ހާމަކޮށްފައެވެ. "މާލެ ޓައިމްސް" އިން ދާއިންއާ ގުޅާލުމުން އޭނާ ބުނީ، މިއީ އޭނާގެ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު އުފާ ކަމަށެވެ. އަލީ ރަމީޒަކީ އޭނާ އެންމެ ބޮޑަށް ސަޕޯޓުކުރާ އަދި ނަމޫނާލިބިގަންނަ ފަރާތް ކަމަށާއި، އޭނާއާއެކު މަދަހައެއް ކިޔާލުމުގެ ފުރުސަތަށް ކެތްމަދުވެފައި ހުރި ކަމަށް ދާއިން ބުންޏެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ދާއިންގެ އާއިލާއަކީ ފަންނުވެރި އާއިލާއެއް ކަމެވެ. ރާއްޖެ ދުށް އެންމެ މޮޅު އެއް ބެރުވެރިޔާ އަދި މަޝްހޫރު ލަަވަކިޔުންތެރިޔާ ފީއަލީ ވަހީދަކީ ދާއިންގެ އާއިލީ ގާތް ބޭފުޅެކެވެ. މިފަހަކުން އެންމެންގެ ނަޒަރު ހުއްޓުނު “ވިޔަސްހެވޭ ނުވިޔަސް ހެވޭ” އަދީ ވަހީދު ކިޔުއްވާފައިވާ ލަވައެކެވެ. މިއީ ދާއިންގެ ކިބައިގައި ހުރި ފަންނުވެރިކަމުގެ އަސްލު އާއިލީ ތަރިކައިގެ ތެރެއިން އައިސްފައިވާ ކަމެއްކަން ހާމަވާ ކަމެކެވެ.
ދާއިންގެ މި ކާމިޔާބީއަށް ގިނަ ބަޔަކު މަރުހަބާ ކިޔަމުންދާއިރު، އޭނާގެ އަޑުން ފުރިހަމަ މަދަހައެއް އަލީ ރަމީޒާއެކު އިވިގެންދާނެ ދުވަހަކަށް ގިނަ ބަޔަކު މިހާރު ތިބީ އިންތިޒާރުގައެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ތިބި ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް ކުރިއަށް ނެރުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.





