އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ސިފަ ދައްކުވައިދޭ މާސްކެއް އަޅައިގެން ހުރި ވަގަކު ހިމެނޭ ގްރޫޕަކުން، ރާޖަސްތާންގެ މޯބައިލް ފިހާރައަކުން ގިނަ އަދަދެއްގެ އަގުބޮޑު ފޯނުތަކެއް ވަގަށް ނަގައިފިއެވެ.
ރާޖަސްތާންގެ ބިލްވާރާ ޑިސްޓްރިކްޓްގެ ކަރޭޑާ ޓައުންގެ ބަސް ހަންޑި ކައިރީގައި ހުންނަ "މާތޭޝްވަރީ މޯބައިލް" ފިހާރައިން ހިނގި މި ވައްކަމުގައި 35 އާއި 40 އާ ދެމެދުގެ އަދަދަކަށް ސްމާޓްފޯން ވަނީ ވަގަށް ނަގާފައެވެ. ވަގަށް ނެގި ފޯނުތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 4 ލައްކަ އާއި 5 ލައްކަ އިންޑިއަން ރޫޕީސް (ގާތްގަނޑަކަށް 5،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު) އަށް އަރާނެ ކަމަށް ފިހާރައިގެ ވެރިޔާ ލަކްޝްމަން ސެންއާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ވައްކަން ކޮށްފައިވަނީ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ފިހާރައިގެ ފުރާޅުމަތިން ސިޑި ހުންނަ ދިމާލުގެ ތަޅު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ، ފިހާރައިގެ އަގުބޮޑު ފޯނުތައް ފޮށިތަކުން ނަގައިގެން ވަގުން ވަނީ ފިލާފައެވެ. ފިހާރައިގެ ވެރިފަރާތަށް މިކަން އެނގުނީ އަންގާރަ ދުވަހުގެ ހެނދުނު ފިހާރަ ހުޅުވަން ދިޔުމުންނެވެ.
މި ހާދިސާގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން، ވައްކަން ކުރަން ވަން މީހުންގެ ތެރެއިން އެކަކު ހުރީ އިންޑިއާގެ ސިޔާސީ އެއްވުންތަކުގައި އާންމުކޮށް ބޭނުންކުރާ ބޮޑުވަޒީރު މޯދީގެ މޫނު ސިފަވާ މާސްކެއް އަޅައިގެންނެވެ. އޭނާ މާސްކް އަޅާފައިވަނީ ކާކުކަން ދެނެގަތުން އުނދަގޫ ކުރުމަށެވެ.
ކަރޭޑާ ފުލުސް ސްޓޭޝަނުގެ އޮފިސަރުން މައުލޫމާތު ދޭ ގޮތުގައި، މި ގްރޫޕުން އެ ރޭ އެހެން މޯބައިލް ފިހާރައެއްގެ ޝަޓަރު ހަލާކުކޮށްލައިގެން ވެސް ވައްކަން ކުރަން އުޅުނެވެ. ނަމަވެސް އެ ފިހާރައިގެ ތަޅު ހަލާކު ނުކުރެވުމުގެ ސަބަބުން އެ ތަނުން ވައްކަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެ ފިހާރައިގެ ސީސީޓީވީން ވެސް މޯދީ މާސްކް އަޅައިގެން ހުރި މީހާ ދަގަނޑުބުރިއެއް ހިފައިގެން ތަޅު ހަލާކުކުރަން އުޅޭ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ ސީސީޓީވީ ފުޓޭޖްތަކުގެ އެހީގައި ވަގުން ހޯދުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް އެ މީހުން ހައްޔަރު ކުރެވޭނެ ކަމަށެވެ






