ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އެންގި އިރު، ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައި ނުގަންނަން ހައިކޯޓުން ނިންމި ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި، މަނީލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އަދި މި މައްސަލައިގައި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާ ކަމަށް 25 ޑިސެމްބަރު 2022 ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިމިނަލް ކޯޓުގެ ނިންމުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް 18 އެޕްރީލް 2024 ގައި އެ ކޯޓުން ނިންމިއެވެ.
ނަމަވެސް ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާ އިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށް އަންގާފައިވެއެވެ.
އޭގެ ތެރޭގައި ޔާމީންގެ ހެކިންގެ ތެރޭގައި ހިމެނޭ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް، ކުރިން ވަޒީފާ އަދާކުރެއްވި އެމްއެންޑީއެފްގެ ހާޒިރީ އާއި އޭރުގެ އިކޮނޮމިކް ޔޫތު ކައުންސިލްގެ ޖަލްސާތަކެއްގެ ޔައުމިއްޔާ ހިމެނެއެވެ. މީގެ ތެރެއިން ނަރީޝް ދެއްކި ވާހަކަ އަކީ ދޮގެއްކަމަށް ދަށު ކޯޓުގައި ހުކުމްގައިވެއެވެ.
އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫން ކަމަށް ބަޔާންކޮށެވެ. ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައަކީ ހައިކޯޓުގެ އެ ނިންމުން ބަދަލު ކުރުމަށް ހުށަހެޅި މައްސަލައެކެވެ.
ސުޕްރީމް ކޯޓުގައި މީގެ ކުރީން ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު ވިދާޅުވެފައި ވަނީ، ހައިކޯޓުގެ އެ އެންގުމަކީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ހިލާފަށް އެންގި އެންގުމެއް ކަމަށެވެ. ގާނޫނުއަސާސީގެ އެ މާއްދާއަކީ ކޯޓުތަކުގެ އިހުތިސޯސް ބަޔާންކުރާ މާއްދާއެވެ.
މި މައްސަލައިގެ ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، ހުކުމް ކުރައްވަމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާއަތުގައި އިންނެވި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، އާ ހެކިތައް އަލުން ހުށަހަޅާ ގޮތަށް އިޖުރާއަތް ރަނގަޅު ކުރެވޭނެ ކަމަށް ފާހަގަކޮށް ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.
ހައި ކޯޓުގައި އެ ނުކުތާ ހުށަހެޅުމުގެ ހައިސިއްޔަތެއް ނުވަތަ ފުރުސަތެއް ނުލިބޭ ކަމަށް ދައުލަތުން ބުނާ ވާހަކާގައި އެއްވެސް ބުރަދަނެއް ނެތް ކަމަށާއި އާ ހެކިތައް ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ހިންގި އިޖުރާއަތުގައި އައިބެއް އުޅޭނަމަ އެ ކަމެއް ހައި ކޯޓުގައި ފާހަގަކޮށް ދިނުމަކީ ދައުލަތަށް ކުރެވެން އޮތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ފަނޑިޔާރު ވިދާޅުވީ، އެކަން ފާހަގަކުރުމާއި ހޯދުމަކީ ކޯޓުގެ މައްޗަށް އޮތް ޒިންމާއެއް ނޫން ކަމަށެވެ.
ދަށު ކޯޓުގައި ހުށަނާޅާ ނުކުތާއެއް މަތީ މަރުހަލާގެ ކޯޓުތަކުގައި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު ވެސް އެ ފަދަ ނުކުތާއެއް މަތީ މަރުހަލާގެ ކޯޓަކުން ބެލޭނީ ދަށު މަރުހަލާގެ ކޯޓުގައި އެ ނުކުތާއެއް ހުށަހެޅުމުގެ އެއްވެސް ފުރުސަތެއް ނެތް ނަމަ ކަމަށްވެސް ވިދާޅުވިއެވެ.
ބެންޗުގައި ދެން ތިއްބެވި ދެ ފަނޑީޔާރުން ކަަމަށްވާ، ފަނޑިޔާރު އަބްދުﷲ ހަމީދާއި ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު އާއިޝާ ޝުޖޫންގެ ރައުޔަށް ތާއީދު ކުރެއްވުމުން، މި މައްސަލަ ބެއްލެވި ފަނޑީޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ، ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ އާ ހެކި ބަލައިނުގަތުމަށް ހައިކޯޓުން ކުރި ހުކުމަށް ބަދަލުގެންނަންޖެހޭ ތަނެއްނެތް ކަަމަށް ކަނޑައަޅާ ކަމަށެވެ





