ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އުސްމާނީ ޚިލާފަތުގެ (އޮޓޮމަން އެމްޕަޔަރ) ސިފައިން އަރްމީނިއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުން ތަކަކީ "ޤަތުލުއާންމެއް" ކަމަށް ރަސްމީކޮށް ބަލައިގަތުމަށް އިސްރާއީލުގެ ކެބިނެޓުން އިއްޔެ އިއްތިފާގުން ފާސްކޮށްފިއެވެ.
އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލިސް އިން ދެން ތަސްދީގު ކުރަންޖެހޭ މި ނިންމުމަކީ، ފަހަކަށް އައިސް އިސްރާއީލާއި ތުރުކީއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައި ނިންމި ނިންމުމެކެވެ. ތުރުކީން އަބަދުވެސް އަންނަނީ 1915 ވަނަ އަހަރު ހިނގި މި ހާދިސާ އަކީ ޤަތުލުއާންމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމައުއިން ބަލައިގަތުން ހުއްޓުވަން ބާރުގަދަ ލޮބީއެއް ކުރަމުންނެވެ.
ތާރީޚީ ދިރާސާ ކުރައްވާ ބޭފުޅުން ލަފާކުރާ ގޮތުގައި ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި އޮޓޮމަން ތުރުކީންގެ އަތުން އަރްމީނިއާގެ 1.5 މިލިއަނަށްވުރެ ގިނަ މީހުން މަރުވިއެވެ. ގިނަ ޢިލްމުވެރިން ގަބޫލުކުރާ ގޮތުގައި މިއީ 20 ވަނަ ގަރުނުގައި ހިންގި ފުރަތަމަ ޤަތުލުއާންމެވެ. ނަމަވެސް ތުރުކީން މިކަމަށް އިންކާރު ކުރެއެވެ. ތުރުކީން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު ވަނީ މާބޮޑަށް އިތުރުކޮށްފައެވެ އަދި އެއީ ދާޚިލީ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ތެރޭގައި މަރުވި މީހުންނެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރ ވިދާޅުވީ، ތާރީޚީ ހެކިތައް ސާފުކޮށް ހުރި ނަމަވެސް، ތުރުކީ ސަރުކާރުން އިސްވެ އޮވެ މި ހަގީގަތް އޮޅުވާލާ ދޮގުކުރަމުންދާ ކަމަށެވެ. އަދި މިކަން ރަސްމީކޮށް ބަލައިގަތުމަކީ އަޚުލާގީ އަދި ތާރީޚީ ވާޖިބެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާ، ސޫރިޔާ އަދި ލުބުނާން ހިމެނޭ ގޮތަށް ދުނިޔޭގެ 32 ޤައުމަކުން މިހާރުވެސް މި ހާދިސާ ޤަތުލުއާންމެއްގެ ގޮތުގައި ބަލައިގަނެއެވެ.
އިސްރާއީލާއި ތުރުކީއަކީ ކުރިން ގާތް ދެ އެކުވެރިން ނަމަވެސް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ވެރިކަމުގައި ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޚާއްޞަކޮށް ޣައްޒާ، ލުބުނާން އަދި އީރާނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަތަކާ ގުޅިގެން ދެ ޤައުމުގެ މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ.
އަނެއްކޮޅުން، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަކީ ޤަތުލުއާންމެއް ކަމަށް ބުނެ އދ. އާއި ތުރުކީން ދަނީ އިސްރާއީލަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ނަމަވެސް އިސްރާއީލުން އެ ތުހުމަތުތައް ދޮގުކުރެއެވެ. 2023 އޮކްޓޯބަރު 7 ގެ ފަހުން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅައެއްބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ






