ފަރަންސޭސިވިލާތުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ޓޮމްބްލެއިން އަށް ސްކައިޑައިވް ކުރަން އުޅުނު ކުޑަ މަތިންދާބޯޓެއް ވެއްޓި، އޭގެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.
މި ހާދިސާގައި ޖުމްލަ 11 މީހުން މަރުވެފައިވެއެވެ. މިއީ އެ ގައުމުގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާތަކުގެ ތެރެއިން އެކިއެކި ކުދި ބޯޓުތަކަށް ދިމާވި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.
އެ ސަރަހައްދުގެ އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ ބޯޓުގެ ޕައިލެޓާއި، ސްކައިޑައިވިންގެ 5 އިންސްޓްރަކްޓަރުންނާއި، އަދި އަލަށް ސްކައިޑައިވް ކުރަން ދިޔަ 5 ދަރިވަރުންނެވެ. މަރުވި 5 ދަރިވަރުންނަކީ އެ ސަރަހައްދުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދިޔަ ނަރުހުންނެވެ.
އެ ސަރަހައްދުގެ ނާސިން ކައުންސިލްގެ ރައީސް ތިއަރީ ޕެޝޭ ވިދާޅުވި ގޮތުގައި، މަރުވި ނަރުހުންނަކީ އެކުގައި މަސައްކަތްކުރާ ރައްޓެހިންތަކެކެވެ. އޭނާ ވިދާޅުވީ، މި ދުވަސްވަރު ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ހުރި ބުރަކަމާއި ހާސްކަމުން ދުރުވެ، ހިތްހަމަޖައްސާލުމުގެ ގޮތުން އެ މީހުން ނިންމީ ފުރަތަމަ ފަހަރަށް ސްކައިޑައިވް ކޮށްލުމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އެ މީހުންގެ އާއިލާތަކުގެ ކުރިމަތީގައެވެ. ކައިރީގައި އޮންނަ ނޭންސީ ސިޓީގެ މޭޔަރު މެތިއު ކްލެއިން ވިދާޅުވީ، ނަރުހުންނާއެކު ދިޔަ އެމީހުންގެ އާއިލާގެ މެންބަރުން ތިބީ ބޯޓުން ފުންމާލާ މަންޒަރު ކެމެރާއިން ފިލްމުކުރަން ތައްޔާރުވެގެން ކަމަށާއި، ނަމަވެސް އެންމެންގެ ލޯކުރިމަތީގައި ބޯޓު ވެއްޓި މި ހިތާމަވެރި ހާދިސާ ހިނގީ ކަމަށެވެ. މިހާރު އާއިލާތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޖަރުމަނުގައި ރަޖިސްޓްރީކޮށްފައިވާ "Pilatus PC-6″ މާކާގެ މި ކުޑަ ބޯޓު ވެއްޓިފައިވަނީ ނޭންސީ-އެސޭ އެއަރޯޑްރޯމްގެ ދުއްވާ ސަރަހައްދާ ކައިރީގައި އޮންނަ ހުސްބިމަކަށެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި ބޯޓު ވެއްޓުނީ މީހުން ދިރިއުޅޭ ގޭގެއާ އެންމެ މަދު މީޓަރުކޮޅެއް ދުރަށެވެ. އެހެންކަމުން މިއަށްވުރެ ބޮޑު ގެއްލުމެއް ވުންވެސް އެކަށީގެންވެއެވެ.
ޓޮމްބްލެއިންގެ މޭޔަރު ހަރވޭ ފެރޮން ވިދާޅުވީ ބޯޓު މައްޗަށް އަރަމުން ދަނިކޮށް، ވަރަށް ކުއްލި ގޮތަކަށް ސީދާ ތިރިއަށް މިސްރާބުޖަހައި ވެއްޓުނީ ކަމަށާއި، މިކަން މެދުވެރިވިސަބަބެއް އަދި އެއްވެސް ވަރަކަށް ނޭނގޭ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި މިހާރު ވަނީ ޓެކްނިކަލް ތަހުގީގެއް ފަށާފައެވެ. ފަރަންސޭސިވިލާތުގެ އިންޓީރިއާ މިނިސްޓަރާއި ޓްރާންސްޕޯޓް މިނިސްޓަރުވެސް މިއަދުގެ ވަގުތެއްގައި ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.





