މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. އެލާޓުގެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މީގެއިތުރުން ފެން ވަންނާނެހެން ހުންނަ ގެތަކާއި ފިހާރަތަކުގެ ދޮރުމަތީގައި ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން ބުނީ، ކަނޑުގަދަ ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރު ނުކުރުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ ބަޔެއް އެހެން ސަރަހައްދު ތަކަށްވެސް ފާއިތުވީ ދެތިން ދުވަހަކީ ވިއްސާރަ ދުވަސްތަކެކެވެ. އަދި ވައިވެސް ގަދަ ދުވަސްތަކެކެވެ. މޫސުން ގޯސްވުމުން އެކަމަށް ސަމާލުކަން ނުދީ ބަޔެއް ފަރާތްތަކުން ކަނޑު ދަތުރުކުރުމުގެ ސަބަބުން ބަޔެއް ފަހަރު މީހުންނާއި މުދަލަށް ގެއްލުންވާ ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ.






