މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއަކީ ބޭކާރު ހަރަދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މި މަޝްރޫއަށް ފާޑުވިދާޅުވީ، ޕީއެންސީގެ އެކްޓިވިސްޓެއް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރިޕްލައި ކުރައްވަމުންނެވެ.
ނަޝީދު ވިދާޅުވީ، މަގުތަކުގައި ތާރު އެޅުމަކީ ރީތި މަންޒަރެއް ނޫން ކަމަށާއި، މަގުތައް ރީތިވެގެން ދަނީ ގަސް އިންދައިގެން ކަމަށެވެ. އަދި އުޅަނދު އެތެރެ ކުރުން ކޮންޓްރޯލް ކުރުމެއް ނެތި، ޓްރެފިކާއި ޕާކިންގެ މައްސަލައަށް ހައްލެއް ނުހޯދައި މަގު ފުޅާ ކުރުމަކީ ފައިސާ ބޭކާރު ކުރުން ކަމަށް ނަޝީދު ތުހުމަތުކުރެއްވިއެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި މަޝްރޫއަކީ މާލޭގެ ތޮއްޖެހުމަށް އޮތް ބޮޑު ހައްލެއް ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ، މަގު ހަދާއިރު ކުރިއަށްވުރެ ގިނައިން ގަސް އިންދައި ސަރަހައްދު ފެހިކުރައްވާނެ ކަމަށެވެ. އަދި އުޅަނދު އެތެރެ ކުރުމުގެ އުސޫލުތައް ހަރުކަށިކޮށް ޓްރެފިކް ހައްލު ކުރުމަށް ވެސް ފިޔަވަޅު އެޅިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޕާކިންއަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. މަގުން ބޭރަށް ނެރޭ ބައިގައި ޕާކު ކުުރެވޭ އިންތިޒާމު ހަމަޖެހުމުން، ދެ ލޭނަށް ދުއްވޭ ގޮތަށް މަގު ހުޅުވި ޓްރެފިކަށް ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްއެމްއޭ ސަރަހައްދުން ފެށިގެން މާލޭ ބަނދަރާ ހަމައަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން ބާޒާރުމަތީގެ ތޮއްޖެހުމަށް ބޮޑު ބަދަލެއް ވަނީ ގެނުވާފައެވެ. ޓެކްސީ ދުއްވާ ފަރާތްތަކާއި ބޯޓުތަކުގެ ފަޅުވެރިން ބުނަމުން ދަނީ، ވޭތުވެ ދިޔަ 45 އަހަރު ތެރޭ ވެސް ނުވެ އޮތް ކަމެއް މި ސަރުކާރުން ކޮށްދީފައިވާ ކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ދައުލަތުގެ ބަޖެޓުން ހިންގާ މި މަޝްރޫއު، އަންނަ މަހުގެ ތެރޭގައި ނިންމައި އާންމުންނަށް ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެއެވެ.






