އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރަބާސްގެ ކެރިއަރު ބަދަލުކޮށްލި "ބާހުބަލީ" ފްރެންޗައިޒްގެ ބޮޑު ކާމިޔާބީއަށް ފަހު، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ކަމަށާއި، އެކަމުގެ ސަބަބުން އަހަރު ތަކެއް ވަންދެން ރަނގަޅަށް ނުނިދޭ ކަމަށް އޭނާ ހާމަކޮށްފިއެވެ.
މި ވާހަކަތައް ޕްރަބާސް ހިއްސާކޮށްފައިވަނީ ދާދިފަހުން ނެރުނު "Baahubali: The Torchbearer" ޑޮކިއުމެންޓްރީގައެވެ.
އޭނާ ބުނި ގޮތުގައި "ބާހުބަލީ" އަށް ލިބުނު ބޮޑު ތަރުހީބާއެކު އޭނާގެ ކެރިއަރަށާއި މުޅި ތެލުގޫ ސިނަމާއަށް ބޮޑު ބަދަލެއް އައެވެ. ނަމަވެސް، އެއާއެކު ދެން ކުޅޭނެ ފިލްމެއް އިޚްތިޔާރު ކުރުމުގެ ބޮޑު ފިއްތުމާއި ޒިންމާ ބޮލުގައި އެޅުނެވެ.
"ބާހުބަލީއަށް ފަހު ވިދިވިދިގެން ދެ ތިން އަހަރު ވަންދެން އަހަންނަށް ހަމަ ނިދި ނުލިބޭ،" ޕްރަބާސް ބުންޏެވެ. "ކޮންމެ ޑިޕާޓްމަންޓެއްގެ ޒިންމާވެސް ކުއްލިއަކަށް ހާސް ގުނަ ބޮޑުވެގެންދިޔަ. އެއީ މަގޭ ހަޔާތުގައި އައި އެންމެ ސްޓްރެސް ބޮޑު ދުވަސްތައް."
އެ ދުވަސްވަރު ދެން ކުރިއަށް ދާނެ ގޮތަކާ މެދު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ސްކްރީންޕްލޭއަށް ބިނާކޮށް ހަދާ ފިލްމުތަކާއި، ލޯބީގެ ފިލްމުތަކުގެ އިތުރުން މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ޕްރަޝާންތު ނީލް އަދި ނާގް އަޝްވިންއާއެކު ކުރެވުނު މަޝްވަރާތައް ހިމެނެއެވެ.
ނަފްސާނީ ގޮތުން ބޮޑު ތަކްލީފްތަކެއް އުފުލަން ޖެހުނު ނަމަވެސް، ޕްރަބާސް ގަބޫލުކުރާ ގޮތުގައި "ބާހުބަލީ" ގެ ސަބަބުން އޭނާގެ ފަހުގެ ފިލްމުތަކަށް ބޮޑެތި ބަޖެޓުތައް ހޯދުމުގެ މަގު ފަހިވެގެންދިޔައެވެ. އެގޮތުން "ސާހޯ" ފިލްމަށް އިންޑިއާގެ އުތުރުން އެކަނިވެސް ފުރަތަމަ ދުވަހު 26 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބުނީ ބާހުބަލީގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، އޭނާގެ ފަހުގެ ބޮޑެތި ކާމިޔާބީތައް ކަމަށްވާ "ސަލާރު" އަދި "ކަލްކީ 2898 އޭޑީ" ފަދަ ފިލްމުތައް އުފެއްދުމުގެ އަސްލަކީވެސް "ބާހުބަލީ" އެވެ. "އެއީ ހުރިހާ ފިލްމެއްގެ މަންމަ ފަދަ ފިލްމެއް،" ޕްރަބާސް ޝުކުރުވެރިކަމާއެކު ބުންޏެވެ.
މިއަދު ޕްރަބާސް އަކީ މުޅި އިންޑިއާގައިވެސް އެންމެ ނުފޫޒުގަދަ އަދި އެންމެ ބޮޑު ބަޖެޓުގެ ފިލްމުތައް ކާމިޔާބުކަމާއެކު ބޮކްސް އޮފީހުގައި ހިފަހައްޓާލެވޭ މަދު ބަތަލުންގެ ތެރެއިން އެކެކެވެ.






