ސީޝެލްސްގެ މިނިވަންކަމަށް 50 އަހަރު ފުރުން ނުވަތަ "ގޯލްޑަން ޖުބިލީ" ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް (އެމްއީއޭ) އިން ހާމަކުރި ގޮތުގައި، ޖޫން 27 އިން 29 އަށް ކުރައްވާ މި ތިން ދުވަހުގެ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ސީޝެލްސްގެ ރައީސް ޕެޓްރިކް ހާމިނީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމަށް އިންޑިއާގެ ހަތިޔާރު އެޅި ސިފައިންގެ ފައުޖަކާއި، އިންޑިއާ ކަނޑުގެ ސިފައިންގެ ދެ މަނަވަރު ވެސް ސީޝެލްސްއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދަތުރުފުޅުގެ ސަބަބުން އިންޑިއާ އާއި ސީޝެލްސްއާ ދެމެދު އޮތް ބަދަހި އަދި ގާތް އެކުވެރިކަން އިތުރަށް ހާމަވެގެންދާނެ ކަމަށެވެ. އަދި ހުރިހާ ދާއިރާއަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތަކަށް އާ ދިރުމެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު މޯދީ ސީޝެލްސްގެ ގައުމީ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ އިތުރުން، އެ ގައުމުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ރޭވިފައެވެ.






