ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދަށް އައްޑޫ ސިޓީގެ ހިތަދޫން ގޯއްޗެއް ހަވާލު ކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ނުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މި މައްސަލައަކީ 2008 ވަނަ އަހަރު އަސްމާ ރަޝީދަށް ދޫކޮށްފައިވާ 3000 އަކަފޫޓުގެ 1014 ނަންބަރު ގޯތި އެއްވެސް ސަބަބެއް ނެތި ވަކި ކޮށްފައިވާ ކަމަށް ބުނެ، އައްޑޫ ސިޓީ ކައުންސިލްގެ ނިންމުން ބާތިލްކޮށް ދިނުމަށާއި އެ ގޯތި އަސްމާއަށް ހަވާލުކޮށް ދިނުމަށް އައްޑޫ ސިޓީގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އަސްމާ ރަޝީދުގެ ފަރާތުން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެ ގޯތި ހަވާލު ކުރެވެން ނެތް ނަމަ، ގޯތީގައި ކޮށްފައިވާ މަސައްކަތަށް އަދުލުވެރި ބަދަލެއް ދިނުމާއެކު ހަމައެވަރުގެ ގޯއްޗެއް ހަވާލުކޮށް ދިނުމަށް އައްޑޫސިޓީ ކައުންސިލްގެ މައްޗަށް އަމުރު ކޮށްދިނުންވެސް މި މައްސަލައިގައި އެދިފައިވެއެވެ.
މި މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ، 1014 ނަންބަރު ގޯއްޗަކީ އަސްމާ ރަޝީދަށް ދޫކޮށްފައިވާ ގޯއްޗެއްކަން ބިމުގެ ދަފްތަރުން އެނގެން އޮތުމާއެކު، އަސްމާ ރަޝީދުގެ ކިބައިން ގޯތި ވަކިކުރަން އައްޑޫސިޓީ ކައުންސިލް އިން ނިންމި ނިންމުން ބާތިލް ކަމަށެވެ.
މީގެ އިތުރުން އެ ގޯއްޗަށް ކޮށްފައިވާ ހަރަދު ދިނުމަށް އައްޑޫސިޓީ ކައުންސިލުން އިންކާރުކޮށްފައި ވާތީ، އައްޑޫސިޓީ ހިތަދޫ މާމެންދޫ ސަރަހައްދުގެ އިރުމަތީބައިގައި ކޮށީ ނަންބަރު 336 ގައި އޮތް 1014 ނަންބަރު ގޯތި 22 ޑިސެމްބަރު 2025 އިން ފެށިގެން 1 މަސް ތެރޭގައި އަސްމާ ރަޝީދަށް ހަވާލުކޮށް، ގޯތީގެ ރަޖިސްޓްރީ އަސްމާ ރަޝީދުގެ ނަމުގައި ހަދައި ދިނުމަށް އައްޑޫސިޓީ ކައުންސިލްއަށް ވަނީ އަމުރުވެސް ކޮށްފައެވެ.
ނަމަވެސް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި މި މައްސަލައަށް ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ފަސްކޮށްދީ އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށްވެސް ހައިކޯޓުގައި އެދުނެވެ.
މި އަމުރު ނެރުމަށް އެދޭ ސަބަބެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ބަޔާންކޮށްފައި ވަނ،ީ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ނިމުމުގެ ކުރިން ހުކުމް ތަންފީޒު ކޮށްފިނަމަ، އިސްތިއުނާފީ ހުކުމުގެ ބޭނުން ކެނޑި، ފެންމަތިވެފައިވާ ގިނަ މައްސަލަތަކަށް މި ހުކުމުގެ ސަބަބުން އަސަރުކޮށް، އެކަމުގެ ސަބަބުން ކައުންސިލަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުން ލިބިގެންދާނެ ކަމަށެވެ.
ސިޓީ ކައުންސިލުން އެދުނު އަމުރާ ބެހޭގޮތުން ހައިކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ މައްސަލައިގެ ބާވަތުން އުފެދިދާނެ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ ގޮތުން، ހައިކޯޓުން ވަކިގޮތެއް އަންގަންދެން ނުވަތަ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައަށް ގޮތެއް ކަނޑައަޅަންދެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާ އަމުރު ކުރާ ކަމަށެވެ






