އިސްރާއީލުގެ ޖަލެއްގައި އެއްވެސް ދައުވާއަކާ ނުލައި ހަތް މަސް ދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު، މިދިޔަ ޖެނުއަރީ މަހު މިނިވަންކުރި ފަލަސްތީނުގެ ނޫސްވެރިޔާ މުޖާހިދު ބަނީ މުފްލިހްގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ފަލަސްތީނުގެ ނޫސްވެރިންގެ ޖަމްއިއްޔާ އާއި އަސީރުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އުމުރުން 36 އަހަރުގެ މުޖާހިދު ބަނީ މުފްލިހް މިނިވަންވި އިރު، ބަނޑުހައިހޫނުކަމާއި، އަނިޔާކުރުމާއި، އަދި ބޭސްފަރުވާ ނުދީ އިހުމާލުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމުން މަހްރޫމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޖަލުން ދޫކޮށްލިތާ ދެ ދުވަސް ނުވަނީސް އޭނާގެ ސިކުނޑިއަށް ލޭ މަދުވެ ހާލު ސީރިއަސްވެގެން ރާމަﷲ ގެ އިސްތިޝާރީ ހޮސްޕިޓަލުގެ އައިސީޔޫގައި ވަނީ ފަރުވާދޭން ފަށާފައެވެ.
ފަލަސްތީނުގެ ގައިދީންގެ ޖަމްއިއްޔާ އިން ބުނި ގޮތުގައި، މުޖާހިދުގެ ހާލަތަކީ އިސްރާއީލުން ފަލަސްތީނުގެ ކުށްވެރިންނާ މެދު ގެންގުޅޭ "ލަސްލަހުން މެރުމުގެ" ސިޔާސަތުގެ ދަށުން ހިނގާފައިވާ ކަމެކެވެ. ޖަލުތަކުގައި ދެވޭ އަނިޔާތަކާއި ބޭސްފަރުވާއަށް ހުރަސް އެޅުމުގެ ސަބަބުން، މިނިވަންވާއިރު ގިނަ ބައެއްގެ ހަށިގަނޑު މުޅިން ހަލާކުވެ، ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ތަހައްމަލު ކުރަން ޖެހެއެވެ.
މުޖާހިދު ދާދިފަހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ސިކުނޑީގެ އޮޕަރޭޝަންތަކަށް ފަހު އޭނާގެ ބޯނާށިގަނޑުގެ ބައެއް ވަނީ އުނިވެފައެވެ. އަދި ހަށިގަނޑުން ބޮޑުބައެއް ހިކި، މީހާ މުޅިން ބަދަލުވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ޖަލުގެ ތަޖުރިބާއާ ބެހޭގޮތުން މުޖާހިދު ބުނެފައިވަނީ، އެ ތަނުގައި ރޮށިފޮލައެއްލިބުމަކީ ވެސް ހުވަފެނަކަށް ވެފައިވާ ކަމަށާއި، ކުޑަ ބޭސްގުޅައެއް ލިބުމަކީ އުޑުން ފޭބި ބަރަކާތެއް ފަދަ ކަމެއް ކަމަށެވެ.
ފަލަސްތީނުގެ ނޫސްވެރިންގެ ޖަމްއިއްޔާއިން ވަނީ ބައިނަލްއަގުވާމީ މުއައްސަސާތަކަށް، ހާއްސަކޮށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އަށް މި މައްސަލަ ބަލައި، އިސްރާއީލުން ނޫސްވެރިންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އޮކްޓޯބަރު 2023 ގެ ފަހުން އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 245 އަށްވުރެ ގިނަ ނޫސްވެރިން ހައްޔަރުކޮށްފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.






