އިޒްރޭލުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ ރިޕޯޓްތަކެއް ފެންމަތިވެއްޖެ

އިޒްރޭލުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ ރިޕޯޓްތަކެއް ފެންމަތިވެއްޖެ

އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑުން ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ފީލްޑް މާރޝަލް އާސިމް މުނީރު އަވަހާރަކޮށްލަން ރާވަމުން ދިޔަ ކަމަށް ބްރެޒިލްގެ ނޫސްވެރިއަކު ތުހުމަތު ކޮށްފިއެވެ.

މި ތުހުމަތު ފުރަތަމަ ކުރީ ބްރެޒިލްގެ ތަހުގީގީ ނޫސްވެރިއެއް އަދި ޖިއޯޕޮލިޓިކަލް އެނަލިސްޓެއް ކަމަށްވާ ޕެޕޭ އެސްކޮބާރް، ސިޔާސީ ކޮމެންޓޭޓަރ މާރިއޯ ނައުފަލްގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުންނެވެ.

ޕެޕޭ އެސްކޮބާރް ބުނި ގޮތުގައި، މި ރޭވުން ރާވާފައިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތަކަށް ޕާކިސްތާނުގެ ވަފުދެއް ގޮސް އުޅުނު ދަނޑިވަޅެއްގައެވެ. އާސިމް މުނީރު ހިމެނިވަޑައިގަންނަވާ މި ވަފުދަށް ހަމަލާދީ، އެންމެން އަވަހާރަކޮށްލަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް މޮސާޑުން ތައްޔާރުވަމުންދިޔަ ކަމުގެ "އިންތިހާއަށް އިތުބާރު ހުރި" މައުލޫމާތު ޕާކިސްތާނުގެ އަސްކަރީ ޖާސޫސީ އިދާރާއަށް ކުރިން ހޯދުނު ކަމަށް އޭނާ ބުންޏެވެ.

އެސްކޮބާރް އިތުރަށް ތުހުމަތުކުރި ގޮތުގައި، މިކަން އެނގުމުން ޕާކިސްތާނުން ވަނީ މެދުވެރިއެއް (ލަފާކުރެވޭ ގޮތުގައި އޮމާން) މެދުވެރިކޮށް އިޒްރޭލަށް ވަރުގަދަ އިންޒާރެއް ފޮނުވާފައެވެ. އެ އިންޒާރުގައި، ޕާކިސްތާނުގެ ވަފުދަށް އެއްވެސް ގެއްލުމެއް ދީފިނަމަ އިޒްރޭލު "ދުނިޔޭގެ ޗާޓުން ފޮހެލާނެ" ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ޕާކިސްތާނަކީ ނިއުކްލިއަރ ބާރު ހުރި ހަމައެކަނި އިސްލާމީ ގައުމެވެ. އަދި އިޒްރޭލަކީ ރަސްމީކޮށް ގަބޫލުނުކުރި ނަމަވެސް، ނިއުކްލިއަރ ހަތިޔާރު ހުރި ގައުމެއްގެ ގޮތުގައި ބެލެވޭ ގައުމެކެވެ.

މި ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް މިހާތަނަށް އާންމުވެފައެއް ނުވެއެވެ. އަދި ޕާކިސްތާނުގެ ސަރުކާރުން ނުވަތަ އިޒްރޭލުގެ ސަރުކާރުންވެސް މިފަދަ ކަމެއް ހިނގި ކަމަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ބައެއް އިސް ނޫސްވެރިންވެސް ވަނީ މިއީ އެއްވެސް ހަގީގަތެއް ނެތް "ބުހުތާނު ދޮގެއް" ކަމަށް ބުނެ، މި ވާހަކަތައް ދޮގުކޮށްފައެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، އިޒްރޭލާއި ޕާކިސްތާނަކީ ސިޔާސީ ގޮތުން އެއްވެސް ގުޅުމެއް އޮންނަ ދެ ގައުމެއް ނޫނެވެ. އަދި ޕާކިސްތާނުން އިޒްރޭލަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލެއްވެސް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *