ކުޑަކުދިންގެ މެދުގައި ހަކުރުބައްޔާއި ހިތުގެ ބަލިތައް އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސްރީލަންކާގެ ސްކޫލްތަކުގައި ފާސްޓް ފުޑާއި ފޮނިކާތަކެތި ވިއްކުން މަނާކުރާ ގަވާއިދަށް 23 ޖޫން 2025 ގައި އެ ގައުމުގެ ސަރުކާރުން އަމަލުކުރަން ފަށައިފިއެވެ.
އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނުރަނގަޅު ކެއުމުގެ އާދަތަކުގެ ސަބަބުން ހަކުރުބައްޔާއި ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް ސީދާ މަގުފަހިވާ ކަމަށެވެ. މި އުސޫލުގެ ދަށުން ހަތަރު މިލިއަން ދަރިވަރުންނަށް ބާގާ، ޕިއްޒާ، ޑޯނަޓް، އައިސްކްރީމް، އެނާޖީ ޑްރިންކްސް އަދި ތެލުލި ކާތަކެތި ސްކޫލްތަކުގައި މަނާވާނެއެވެ.
ސަރުކާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންގެ 12 އިންސައްތައަކީ ބަރުދަން އިތުރު ކުދިންނެވެ. އަދި ޔުނިސެފުން ހާމަކޮށްފައިވާ ގޮތުގައި، ފަސް އަހަރުން ދަށުގެ ކުދިންގެ 17 އިންސައްތަ ކުދިންނަށް ހެދިބޮޑުވުމުގައި ލަސްތައް ކުރިމަތިވެފައިވެއެވެ.
މިނިސްޓްރީގެ 122 ސަފުހާގެ ގައިޑްލައިންގައި، ދަރިވަރުންނަށް ބަތާއި ތާޒާ މޭވާއާއި ތަރުކާރީ ފޯރުކޮށްދިނުމަށް ހިތްވަރު ދީފައިވާއިރު، ސިއްހަތަށް ނުރަނގަޅު ކާނާ އިޝްތިހާރުކުރާ ފަރާތްތަކުން ސްކޫލް ހަރަކާތްތަކަށް ސްޕޮންސާ ކުރުންވެސް ވަނީ މަނާކޮށްފައެވެ.






