ދުންފަތުގެ ޤާނޫނަށް ކުރިން ގެނައި އިސްލާހަކީ ވޭޕް ބޭނުންކުރަމުންދިޔަ ގިނަ ރައްޔިތުން އަނބުރާ ސިގިރޭޓަށް ރުޖޫއަވެދާނެ ކަމަށް ބަލައި ގެނެވުނު ބަދަލެއް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހާ ގުޅޭ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ދުންފަތުގެ ބާވަތްތަކުން ނެގޭ ޑިއުޓީ ކުރިއަށްވުރެ ކުޑަވެގެންދާނެ ކަމަށް ވެސް ފަލާހު ފާހަގަ ކުރެއްވިއެވެ.
ނަމަވެސް، ފަހުގެ ދިރާސާތަކުން ދެއްކި ނަތީޖާ ހިއްސާ ކުރައްވަމުން ފަލާހު ވިދާޅުވީ، ވޭޕް މަނާ ކުރުމުން ގިނަ ބަޔަކު ސިގިރޭޓާ ދިމާލަށް ދިޔުމުގެ ބަދަލުގައި ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލި ކަމަށެވެ. ދުންފަތާ ދުރު މުޖުތަމައެއް ބިނާ ކުރުމަށް ސަރުކާރުން ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް ވެސް އިއުލާންކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން، ވޭޕް މަނާ ކުރުމަކީ ހުރިހާ ފަރާތްތަކަކަށް ވެސް ހިތްހަމަ ޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
މި ބަދަލަކީ ސަރުކާރަށް އާމްދަނީ ހޯދުމަށް ކުރި ކަމެއް ނޫން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް ސިއްހީ ގޮތުން ވެސް އެހެން ގޮތަކުން ވެސް ގެއްލުންދޭނެ ބޭފުޅެއް ނޫން ކަމަށް ފަލާހު ވިދާޅުވިއެވެ.






