ހޮލިވުޑްގެ މަޝްހޫރު ފިލްމީ ތަރި ޖިއާންކާރްލޯ އިސްލާމް ވެއްޖެ

ހޮލިވުޑްގެ މަޝްހޫރު ފިލްމީ ތަރި ޖިއާންކާރްލޯ އިސްލާމް ވެއްޖެ

މަޝްހޫރު ޑްރާމާ ސީރީޒް "ބްރޭކިންގ ބޭޑް" އިން ގަސް ފްރިންގް ގެ ރޯލުން ފެނިގެން ދިޔަ އެމެރިކާގެ ކާމިޔާބު އެކްޓަރު ޖިއާންކާރްލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށް، ސައުދީ އަރަބިއްޔާގެ މިސްކިތެއްގައި ނަމާދު ކުރަނިކޮށް ވަނީ ފެނިފައެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ ގެ ނައިބު ރައީސް ތުރްކީ އަލް-ޝެއިޚް ވަނީ ޖިއާންކާރްލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލު ކޮށްފައިވާކަން ރަސްމީކޮށް އިޢުލާން ކުރައްވާފައެވެ.

ސައުދީގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެސްޕޮސިޓޯ ވަނީ އިސްލާމް ދީނުގެ ޝަހާދަތުގެ ދެކަލިމަ ކިޔައި، ދީން ގަބޫލު ކޮށްފައެވެ. އަދި އޭނާ މަސައްކަތް ކުރަމުންދާ ފިލްމު ކްރޫގެ މެންބަރުންނާއެކު ސައުދީގެ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

"އެސްޕޮސިޓޯ އިސްލާމްދީން ގަބޫލު ކުރަން ނިންމީ ސައުދީ އަރަބިއްޔާގައި ހޭދަކުރި ދުވަސް ތަކުގައި އެގައުމުގެ މުސްލިމުންގެ ފަރާތުން ފެނުނު ހިތްހެޔޮކަމާއި، މެހެމާންދާރީގެ ސަބަބުން އެކަމާ ވަރަށް ބޮޑަށް އަސަރު ކޮށްގެން." ތުރްކީ އަލް-ޝެއިޚް ވިދާޅުވިއެވެ.

އުމުރުން 68 އަހަރުގެ އެސްޕޮސިޓޯ ސައުދީ އަރަބިއްޔާއަށް ގޮސް އުޅެނީ އެގައުމުގައި މިހާރު މަންޒަރުތައް ނަގަމުންދާ ބޮޑު ފިލްމު ޕްރޮޑަކްޝަނެއް ކަމަށްވާ "ސެވަން ޑޯގްސް" ގެ މަސައްކަތަށެވެ. މި ފިލްމުގެ ޝޫޓިންގް ތެރޭގައި އެ ސެޓުގައި އުޅޭ މުސްލިމުންނާ އޮތް ގާތް ގުޅުމާއި، އެ ސަރަހައްދުގެ އިޖުތިމާޢީ މާޙައުލު ބަލައިގަނެ، އޭނާ ވަނީ އިސްލާމްދީނަށް ޝައުގުވެރިވެ ދީން ބަދަލު ކޮށްފައެވެ.

ސައުދީ އަރަބިއްޔާއިން "ވިޝަން 2030″ ގެ ދަށުން މުނިފޫހިފިލުވުމާއި ފިލްމީ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބައިނަލްއަގުވާމީ ގިނަ ތަރިންތަކެއް މިހާރު ދަނީ އެގައުމުގައި ފިލްމުތައް ކުޅެމުންނެވެ.

އެސްޕޮސިޓޯއަކީ ހޮލީވުޑްގައި އެތައް އަހަރެއްގެ ކާމިޔާބު ކެރިއަރެއް ބިނާކޮށްފައިވާ، އަދި ގިނަ އެވޯޑްތަކަކަށް ނޮމިނޭޓްވެފައިވާ ހުނަރުވެރި އެކްޓަރެކެވެ. އޭނާ އެންމެ ބޮޑަށް މަގުބޫލު ސީރީޒްތަކުގެ ތެރޭގައި ބްރޭކިންގ ބޭޑް، ބެޓަރ ކޯލްސައުލް، ދަ
މަންޑަލޯރިއަން، ދަ ބޯއީސް ހިމެނެއެވެ.

ހޮލީވުޑްގެ މިފަދަ ބޮޑު ތަރިއަކު އިސްލާމްދީން ގަބޫލުކުރުމާ ގުޅިގެން ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އޭނާގެ ފޭނުންނާއި ސޯޝަލް މީޑިއާގައި މިހާރު ދަނީ މި ޚަބަރަށް ވަރަށް ބޮޑަށް ސަމާލުކަންދީ، މަޝްވަރާ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *