ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަ ކުރަން ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫން އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މި ބިލުގެ ފުރަތަމަކިއުން އިއްވަން ވަނީ އެޖެންޑާ ކޮށްފައެވެ. މި ބިލިގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ސިގިރޭޓަކުން ނަގާ ޑިއުޓީއަކީ، ހަތަރު ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަަދަދަކީ 30 ޕަސެންޓް ކަމަށް ހަމަޖެއްސުން ކަމަށެވެ.
އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުންވެސް މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.
ގާނޫނުގައި މިހާރު އޮންނަނީ، ސިގިރޭޓަކުންނާއި ބިޑިއަކުން ނަގާ ޑިއުޓީއަކީ 8 ރުފިޔާއެވެ. އަދި އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަަދަދަކީ 50 ޕަސެންޓެވެ.
މި އިސްލާހުގައި ވަނީ، ސިނގިރޭޓްގެ އިތުރުން ބިޑިއަކުން ނަގާ ޑިއުޓީވެސް ހަތަރު ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފައެވެ. އޭގެ އިތުރުން ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުން ކުރާގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުން ތަކުން ނަގަމުންއައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ އަަށްރުފިޔާ ހަތަރު ރުފިޔާއަށް ކުޑަކުރަންވެސް ބިލުގައި ވަނީ ހުށަހަޅައިފައެވެ.






