ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ސީވީޑް އާލާކުރުމުގެ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުވެ، ބ. ފެހެންދޫގައި ހިންގާ މަޝްރޫއުން މަހެއްގެ މައްޗަށް 63 ޓަނުގެ ޑްރައިޑް ސީވީޑް އެކްސްޕޯޓް ކުރަމުން ދާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، މި މަސައްކަތް ފެށީ އެންމެ 100 ކިލޯގެ ޓެސްޓް ކަލްޗަރއަކުން ކަމަށެވެ. ނަމަވެސް މިހާރު މަހެއްގެ މައްޗަށް 5 ކޮންޓެއިނަރގެ ސީވީޑް އެކްސްޕޯޓްކުރެވެމުންދެއެވެ.
"63 ޓަނުގެ ޑްރައިޑް ސީވީޑަކީ ގާތްގަނޑަކަށް 5 ކޮންޓެއިނަރގެ ސީވީޑް އެކްސްޕޯޓްކުރެވިގެން އެދަނީ މަހެއްގެ މައްޗަށް. މިއީ ހަމަ ރަނގަޅު އިންވެސްޓްމަންޓެއް" މުއްޠަލިބު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މި ސިނާއަތް ފުޅާކުރުމަށް ބޮޑު ތިލަދުންމަތި، ރ. އަތޮޅު، މ. އަތޮޅު، ތ. އަތޮޅު، އަދި މަނިޔަފުށި ކައިރީ ފަޅު ހިމެނޭހެން 5 ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ. ގއ. އަތޮޅުގައިވެސް ދިވެހިންގެ ބަޔަކު ދަނީ އިންވެސްޓްކުރަމުންނެވެ.
އައު އިންވެސްޓަރުންނަށް މަގުފަހިކޮށްދިނުމަށް "މެރިކަލްޗަރ ސްކީމް" ގެ ދަށުން މޫދުކޮށި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. ސަރުކާރުގެ އަމާޒަކީ މި ސިނާއަތް ކަޅުބިލަ މަހުގެ މަސްވެރިކަމާ އެއްވަރުގެ އާމްދަނީއެއް ހޯދައިދޭ ދާއިރާއަކަށް ހެދުމެވެ. މިއީ ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމުގެ މުހިންމު ފިޔަވަޅެކެވެ.






