މިއަހަރު އެކަނިވެސް 10،000 އަށް ވުރެ ގިނަ ގްރެޖުއޭޓުން ވަޒީފާގެ ބާޒާރަށް ނުކުންނާނެ ކަމަށް ލަފާކުރެވޭ ދަނޑިވަޅެއްގައި، ރިޓަޔަރމަންޓް އުމުރު އިތުރުކުރުމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ވިދާޅުވެ، މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިނާ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފިރާޤް ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ މުއައްސަސާތަކުން ކޮންމެ އަހަރަކު ގިނަ ޢަދަދެއްގެ ދަރިވަރުން ދަސްވެނިވަމުން އަންނައިރު، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 20،000 އަށް ވުރެ ގިނަ ގްރެޖުއޭޓުން ވަޒީފާގެ ފުރުޞަތު ހޯދަން މަސައްކަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރިޓަޔަރމަންޓް އުމުރު އިތުރުކުރުމުން މިހާރު ތިބި މުވައްޒަފުން ވަޒީފާގައި ދެމިތިބޭ މުއްދަތު ދިގުވެ، ހުސްވާ ޖާގަތައް މަދުވެ، ޒުވާނުންނަށް ވަޒީފާގެ ބާޒާރަށް ވަނުމުގެ ދޮރު ހަނިވެގެންދާނެ ކަމަށް ފިރާޤް ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުމަށް ޙައްލެއް ހޯދުމަށްޓަކައި އެކި ސިނާއަތްތަކާއި ދާއިރާތަކުގެ ތެރެއިން އިތުރު ވަޒީފާތައް އުފެއްދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ޒިންމާދާރު ފަރާތްތަކުން ޤައުމުގެ މުސްތަޤްބަލަށް ދުރާލައި ޕްލޭންކޮށް، ދެމެހެއްޓެނިވި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަށް ފޯކަސް ކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ފިރާޤް ވިދާޅުވިއެވެ.
ފިރާޤް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކައިރި މުސްތަޤްބަލެއްގައި ގިނަ ޕަބްލިކް ސާވިސް މަޤާމުތަކަށް އެންމެ ކުޑަމިނުން ޑިގްރީ ކޮލިފިކޭޝަން ހާސިލުކޮށްފައިވާ ޒުވާނުން ނުކުންނާނެއެވެ. ތަޢުލީމީ ފެންވަރު ރަނގަޅު މި ޒުވާނުންނަށް އެ މީހުންގެ ޤާބިލުކަމާ އެކަށީގެންވާ ވަޒީފާތައް ފޯރުކޮށްދިނުމަކީ ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ރިޓަޔަރމަންޓް ޕޮލިސީތަކާއި ވޯކްފޯސް ޕްލޭނިންގއާ ގުޅޭ ނިންމުންތައް ނިންމުމުގައި ސަރުކާރުން މިކަންކަމަށް ފަރުވާތެރިކަމާއެކު ވިސްނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފިރާޤް ވިދާޅުވެ، ޕޯސްޓް ނިންމާލެއްވިއެވެ.





