ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ހިތްދަތިކަމާއި ކަންބޮޑުވުން ތަޙައްމަލު ކުރަންނުޖެހޭ އެކަކުވެސް މަދެވެ. ނަމަވެސް އެއީ ކީއްވެގެން ދިމާވާ ކަންތައްތަކެއް ބާވައެވެ؟
ހިތާމައަކީ ކުށެއްގެ އަދަބެއް ނޫން، އަދި ކިއެއްތަ އެއީ ރަޙްމަތެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބޮޑެތި ލޮޅުންތަކެއް އަރާ، ހިތްދަތި ކަންކަމާ ކުރިމަތިލާންޖެހޭ ހިނދު، ފުރަތަމަވެސް ހިތަށް އަރަނީ "މިއީ ﷲ ތަޢާލާ އަހަންނަށް ދެއްވާ އަޛާބެއް ބާވައެވެ؟ ތިބާއަށް އެއީ ތަދާއި ވޭނެއް ކަމަށް ފެންނަ ކަންތައްތަކަކީ ހަގީގަތުގައި ތިބާއަށް ނުފެންނަ ބޮޑު ނުރައްކަލަކުން ސަލާމަތް ކުރެއްވުމަށް މިންވަރު ކުރެއްވި ރަޙްމަތަކަށެވެ.
ބައެއް ފަހަރު އަހަރެމެންނަށް މި ކުރިމަތިވާ ހިތްދަތިކަމަކީ މާ ކުރިން އަހަރެމެން ކުރި، ނަމަވެސް ހަނދާން ނެތިފައިވާ ދުޢާއެއްގެ އިޖާބަކުރެއްވީކަމަށް ވެދާނެއެވެ . ޔާ ﷲ މިއަޅާގެ ހިތް އިސްލާޙް ކުރައްވައި، މިއަޅާއަށް ނުބައި ކަންކަމުން ރައްކާތެރި ކުރައްވާށެވެ!" މިފަދައިން ހިތުގެ އަޑިން ކުރެވޭ އިޚްލާޞްތެރި ދުޢާގެ ސަބަބުން، ދިރިއުޅުމުގެ ބައެއް ކަންކަން ރޫޅެން ފަށައެވެ. ގާތް މީހުން ދުރުވެ، ލިބެން އުޅުނު ފުރުޞަތުތައް ގެއްލިގެންދެއެވެ . އެއީ ނުބައި މީހުންނާއި ނުބައި ކަންކަމުން އަހަރެމެން ދުރުކުރެއްވުމަށެވެ. ދުލުން ބޭރުވާ ބަސްތަކަށްވުރެ ބޮޑަށް، ﷲ ތަޢަލާ ބައްލަވާ ވޮޑިގެންވަނީ ތިބާގެ ނިޔަތެވެ.
ކުޑަކުއްޖަކު ހިނިތުންވަމުން ގޮސް އަލިފާންގަނޑެއްގައި އަތްލާން އުޅުމުން، އޭނާގެ މައިންބަފައިން އެ ކުއްޖާ ދުރުކުރެއެވެ. އެވަގުތު ކުއްޖާ ރޮއެ ހިތްހަމަނުޖެހުނަސް، މައިންބަފައިންނަށް އެނގެނީ އެއީ ކުއްޖާގެ ސަލާމަތަށްޓަކައި ކުރި ކަމެއްކަމެވެ. ﷲ ތަޢާލާ އަޅުތަކުންނާ މެދު ކަންކުރައްވަނީ އެއަށްވުރެ މާ އޯގާތެރިކޮށެވެ. އަހަރެމެން ވަރަށް ބޭނުންވެގެން ދަންނަވާ ކަންކަމުގައި ﷲ ތަޢާލާ އިޖާބަ ނުކުރައްވަނީ އަހަރެމެންނަށް މުސްތަޤްބަލުގައި ދިމާވާނެ ހަލާކާއި ހިތާމައިން އަހަރެމެން ރައްކާތެރި ކުރެއްވުމަށެވެ. ކޮންމެ ފަސޭހައަކާއެކު އުނދަގުލެއް ވެއެވެ. އޮށެއް ފަޅައިގެން ގަހަކަށް ވަނީވެސް އެ އޮށް ފަޅަ ފަޅައިގެން ދިއުމަށްފަހުއެވެ. ރަން ވިދަނީވެސް ގަދަ އަލިފާނުގެ ތެރެއިން އޭތި ހޫނު ކުރުމުންނެވެ.
ބައެއް ފަހަރު ﷲ ތަޢާލާ އަހަރެމެންގެ ދިރިއުޅުން އެކަމަކަށް ބިނާކޮށްގެން ތިބި ބިންގާ ހަލުވާލައްވައެވެ. އެއީ އަހަރެމެންގެ ހަގީގީ ޤާބިލިއްޔަތާއި ﷲ ތަޢާލާ އަހަރެމެންނަށް ލިޔުއްވާފައިވާ މަތިވެރި ދަރަޖައަށްވުރެ ދަށް ފެންވަރެއްގެ ކަންކަމަށް އަހަރެމެން ހޭނެމުންދާތީއެވެ. ގޯސް މީހުންގެ ރުހުން ހޯދަން އަހަރެމެންގެ އަމިއްލަ އަގު ވައްޓާލާ، ކުދިކުދި ހުވަފެންތަކުން ފުއްދާލައިގެން ތިއްބާ، ﷲތަޢާލާ އެ ހުރިހާ ކަމެއް ބަދަލު ކޮށްލައްވަނީ އަހަރެމެން ހޭލެއްވުމަށެވެ. ވަގުތީ އެއްޗެއް އަހަރެމެންގެ އަތުން އަތުލައްވަނީ ދާއިމީ އަދި މާ ރަނގަޅު އެއްޗެއް ދެއްވުމަށެވެ.
ކުރިން ގިނަ ރައްޓެހިންތަކެއްގެ މެދުގައި އުޅުމަށްފަހު، ކުއްލިއަކަށް ފޯނު ކޯލްތަކާއި މެސެޖުތައް ހުއްޓި، އެކަނިވެރިވާ ފަހަރު އާދެއެވެ. މިއީވެސް ބޮޑު ރަޙްމަތެކެވެ. ދުނިޔޭގެ އަޑުގަދަކަމާއި ހަލަބޮލި ކަމުގެ ތެރެއިން ﷲ ތަޢާލާގެ އަޑުފުޅު އަހަން އަހަރެމެންނަށް އުނދަގޫވުމުން، ﷲ ތަޢާލާ ދުނިޔޭގެ އަޑުތައް ކަނޑުއްވާލައްވަނީއެވެ. އެކަލާނގެ އަޅާއާ ސީދާ ބައްދަލުކުރައްވާ، މުޚާޠަބު ކުރެއްވުމަށެވެ. މާޒީގެ ނުބައި އަޑުތަކުގެ ތެރޭގައި ހުރެ، މުސްތަޤްބަލުގެ ރަނގަޅު މީހަކަށް ބަދަލެއް ނުވެވޭނެއެވެ.
ހުރިހާ ނަބީބޭކަލުންނަކީވެސް މިފަދައިން އެކަހެރި ކުރެއްވުނު ބޭކަލުންނެވެ. މޫސާގެފާނު ސަހަރާއަށް އެކަނި ވަޑައިގަތުމާއި، ޔޫސުފްގެފާނު ވަޅަށް އެއްލާލެވުމާއި، އަދި ކީރިތި ރަސޫލާ ﷺ ޙިރާގައި އެކަހެރިވެވަޑައިގަތުން ހިމެނެއެވެ. އެކަހެރިވުމަކީ ﷲ ތަޢާލާ އެކު އޮންނަ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ.
ދުޢާ ކުރާތާ މަސްތަކެއް ނުވަތަ އަހަރުތަކެއް ވެދާނެއެވެ. އެހެން މީހުން ކައިވެނިކޮށް، ވަޒީފާ ލިބި، ކުރިއަށްދާއިރު ތިމާ ހުރި ތަނުގައި ހުންނަންޖެހުމުން ހިތް މާޔޫސްވެއެވެ. ކޮންމެ ނިޢުމަތަކީ މާ ކުރިން ލިބުމުން ހެޔޮ އެއްޗަކަށް ނުވެދާނެއެވެ. ބައެއް ފަހަރު ތިމާ ތައްޔާރު ނުވަނީސް ލިބޭ ބޮޑު ނިޢުމަތެއްގެ ސަބަބުން ﷲ ތަޢާލާ މަތިން ހަނދާންނެތި، ދުނިޔެއަށް ހެއްލިދާނެއެވެ .އެހެންކަމުން ﷲ ތަޢާލާ އެކަން ލަސްކުރައްވަނީ، އެ ނިޢުމަތް ލިބުމުން އޭގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ފަދަ ސާބިތު ހިތެއް ދެއްވުމަށްފަހަުގައެވެ.
ހަޔާތުގައި ދިމާވާ ކޮންމެ ހިތްދަތިކަމަކީ، ކޮންމެ ދެރައަކީ އަދި ކޮންމެ އެކަނިވެރިކަމަކީ ﷲ ތަޢާލާ އަހަރެމެން މާ މަތިވެރި ރަޙްމަތަކަށް ތައްޔާރު ކުރެއްވުމުގެ މަރުޙަލާއެކެވެ. އެހެންކަމުން، ދިރިއުޅުމުގެ ތޫފާންތަކަށް ކެތްތެރިވާށެވެ. ދޮރެއް ބަންދު ވެއްޖެނަމަ، މާ ރަނގަޅު ދޮރެއް ހުޅުއްވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ﷲ ތަޢާލާގެ މައްޗަށް ބާއްވާށެވެ. ކޮންމެެ ދުވަހަކު ސަޖިދައިގައި އޮވެ، އުުފަލާއެކު "އަލްޙަމްދުލިއްލާހް" އޭ ބުނާނެ ދުވަސް މާ ދުރެއް ނޫނެވެ.





